ފިނިޕޭޖް

ސްކޫބީ ޑޫ އާއި ކަރެޖް ފެނިގެންދާ ފިލްމެއް ނެރެނީ

މަޝްހޫރު އެނިމޭޓެޑް ކާޓޫން ސީރީޒް ސްކޫބީ ޑޫ އަދި ކަރެޖް ދަ ކައުވާޑްލީ ޑޯގް އެކީ ފެނިގެންދާ ކްރޮސްއޯވާ ފިލްމެއް ވާނާ ބްރޯސް އިން މިއަހަރު ނެރެން އިއުލާން ކޮށްފި އެވެ.

މި ފިލްމްގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލާފަ އެވެ.

"ސްޓްރެއިޓް އައުޓް އޮފް ނޯވެއާ"ގެ ނަމުން ނަން ދީފައިވާ މި ފިލްމް ނެރެން ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މި ފިލްމް ނެރުމަށް ގަސްދުކޮށްފައި ވަނީ ޑިޖިޓަލް ސްޓްރީމިން ޕްލެޓްފޯމް ތަކަށާއި ޑީވީޑީގެ ގޮތުގަ އެވެ.

މި ފިލްމްގައި މި ދެ ކާޓޫނު ސީރީޒްގެ މައިިގަނޑު ހުރިހާ ކެރެކްޓާ ތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޓްރެއިޓް އައުޓް އޮފް ނޯވެއާ ގެ ޓްރެއިލާ

މި ދެ ކާޓޫނުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ދުވަސްވީ ކާޓޫނަކީ ސްކޫބީ ޑޫ އެވެ. 1969 ވަނަ އަހަރު ނެރެން ފެށި މި ކާޓޫނަށް ނިސްބަތްކޮށް ބައިވަރު ކާޓޫނު ސީރީޒް އާއި ފިލްމް އުފައްދާފައިވެ އެވެ. އަދި ކަރެޖް ދަ ކައުވާޑްލީ ޑޯގް ކާޓޫނު ސީރީޒް 1999 ގައި ނެރުމާ އެކު އެ ކާޓޫނަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެ އެވެ.

ސްކޫބީ ޑޫ އަދި ކަރެޖް ދަ ކައުވާޑްލީ ޑޯގް ސީރީޒް ތަކަކީ ހެއްވާ މަޖާ ކަންކަން ފެނިގެންދާ ބިރުވެރި އަދި މިސްޓަރީ ޖޯންރާގެ ސީރީޒްތަކެކެވެ.