ޔުއެއާފާ ޔޫރޯ 2020

ސްޕޭނަށް ޖެހޭނީ މިރޭ މޮޅެއް ހޯދަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެމިއޮވެ އިތުރަށް ކުރިއަށްދާން ބޭނުން ނަމަ މިރޭ ސްލޮވާކިއާ އާއި ބައްދަލު ކުރާ މެޗުން މޮޅުވެގެން ދަނޑުން ފައިބަން ސްޕެއިންއަށް މަޖުބޫރެވެ.

އޮއިވަރު އޮތް ގޮތް

ކުޅުނު ދެ މެޗުން އެއްވަރު ވުމުން ސްޕެއިނަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. މިހާރު ގްރޫޕް އީގެ ތިން ވަނައިގައި ސްޕެއިން އޮތް އިރު މުބާރާތުގައި ސްޕެއިނަށް ކުރިއަށް ދެވެން އޮތީ މިރޭގެ މެޗުން ސްލޮވާކިއާ ބަލި ކޮށްގެންނެވެ. ސްޕެއިންގެ އެސްޓާޑިއޯ ޑި ލަކާޓުޖާ ސްޓޭޑިއަމްގައި މިރޭ ސްޕެއިނާ އެއްވަރު ކޮށްގެންވެސް ސްލޮވާކިއާށް ދެވަނަ ބުރު ޔަގީން ވާނެ އެވެ. އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލި ވެގެން ސްލޮވާކިއާ އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގަ އެވެ.

ސްލޮވާކިއާ

ދެވަނަ ބުރު ޔަގީން ކުރަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނަތީޖާ ނެރެން ޖެހުމަކީ ސްލޮވާކިއާއަށް އާކަމެއް ނޫނެވެ. ފީފާ ވޯލްޑް ކަޕް 2010 އާއި ޔޫރޯ 2016 ގައި ދެވަނަ ބުރު ކަށަވަރު ކުރުމަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނަތީޖާ ނެރެން ސްލޮވާކިއާއަށް ޖެހުނެވެ. މި ދެމެޗުގައި ގަދަފަދަ އިޓަލީ އާއި އިންގްލެންޑާއި ބައްދަލުކޮށް އެމީހުން ވަނީ ޖާދޫ ދައްކާލާފަ އެވެ. އެމީހުންނަށް މި ކަމަކީ އާ ކަމަކަށް ނުވާއިރު، މިފަދަ ހާލަތަކާއި ކުރިމަތިލާން ޖެހުނު މިއީ ތިންވަނަ ބުރެވެ. ސުވާލަކީ ޔޫރޯ 2020 ގައި ވަރުގަދަ ސްޕެއިން ބަލިކޮށް ސްލޮވާކިއާއަށް ތާރީހު ދެމެހެއްޓޭނެ ހެއްޔެވެ؟

މިރޭގެ މެޗާއި ގުޅިގެން ސްލޮވާކިއާގެ ކޯޗު ސްޓީފަން ޓާކޯވިޗް ބުނީ ސްވިޑެން އާއި ޕޯލެންޑަކީ ގްރޫޕްގެ ފޭވަރިޓުން ކަމަށެވެ. ނަމަވެސް ސްޕެއިނަކީ މުޅި މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގެ އެންމެ އުހުގައި އޮތް އެއްޓީމު ކަމަށެވެ. އެހެން ކަމުން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވަން ޖެހޭ ކަމަށެވެ. އަދި ސްޓީފަން ބުނީ އޭނާ ގަބޫލު ކުރަނީ ސްލޮވާކިއާއަށް ކާމިޔާބު ހޯދޭނެ ކަމަށެވެ.

ސްޕެއިން

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ސްޕެއިނަށް ވަނީ ނަތީޖާ ނުނެރެވިފަ އެވެ. ހާސްކަމެއްގެ ތެރޭގައި ގްރޫޕް ސްޓޭޖްގެ ފަހު މެޗާއި ސްޕެއިން ކުރިމަތިލާއިރު ޓީމަށް ގިނަ ބަދަލުތަކެއް ގެނައުން ވަރަށް ގާތެވެ. މިރޭގެ މެޗުގައި ސާޖިއޯ ބުސްކަޓްސް، ސެޒާ އަޒްޕިލިކުއެޓާ އަދި މިކެލް އޮޔާޒަބަލް ފެނުން ވަރަށް ގާތެވެ.

ސްޕެއިން ކޯޗުގެ ވާހަކަ ތަކުން އޭނާ ހުރީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި ކަން އެނގެ އެވެ. ލުއިސް އެންރީކޭ ބުނީ ސްލޮވާކިއަށް މިރޭގެ މެޗުން އެއްވަރު ވެގެން ފަރުޖައްސާލެވެން އޮތްއިރު، އެޓީމު ކޮޅަށް ގޯލު ޖެހުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސްލޮވާކިއާގެ މެދުތެރޭގައި ގިނަ ކުޅުންތެރިން އަތުރާލާފައި ވާތީ މެދުތެރެއިން ކުޅެން އުނދަގޫ ވާނެ ކަމަށެވެ. އަދި މީހުން ހީކުރާ ވަރަށް ވުރެ މާ ބޮޑަށް މިމެޗަށް ރޭވުންތެރިވާން ޖެހޭ ކަމަށެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ޓީމު އޮތީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ މި މެޗަށް ނުކުންނަ އިރުވެސް ޓީމުގެ ހާލަތަކީ އެއީ ކަމަށެވެ.

މިވަގުތު ގްރޫޕް އީގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްވިޑެން އެވެ. އެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ވުމުން ސްލޮވާކިއާ އޮތީ ގްރޫޕްގެ ދެވަނައިގަ އެވެ. ތިން ވަނައިގައި ސްޕެއިން އޮތީ ދެ މެޗުން އެއްވަރު ވެގެނެވެ. އެއް މެޗުން ބަލިވެ އަނެއް މެޗުން އެއްވަރު ވެގެން ޕޯލެންޑް އޮތީ ގްރޫޕްގެ ފުލުގަ އެވެ.

މިރޭ ސްޕެއިން އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން ސްލޮވާކިއާ މޮޅުވެއްޖެ ނަމަ ސްޕެއިން މުބާރާތުން ކަޓާނެ އެވެ. އެއްވަރު ނުވަތަ މޮޅުވިއަސް ސްލޮވާކިއާ އަށް ދެވަނަ ބުރު ޔަގީން ވާނެ އެވެ. އެއްވަރު ވެއްޖެ ނަމަ ސްޕެއިން އަށް ލިބޭނީ ތިން ޕޮއިންޓެވެ. ދެން އޮތް މެޗުން ސްވިޑެން އަތުން ޕޮލެންޑް ބަލި ނުވަތަ އެއްވަރު ވެއްޖެ ނަމަ ސްޕެއިނަށް ތިންވަނަ ލިބޭނެ އެވެ. ނަމަވެސް ތިން ޕޮއިންޓާއެކު ތިން ވަނައިގެ ގަދަ ހަތަރެއްގައި ސްޕެއިން ހިމެނުން ނާދިރެވެ.

ސްޕެއިނާ ސްލޮވާކިއާގެ ކުރިމަތިލުންތައް

މިހާތަނަށް ފަސް މެޗެއްގައި މި ދެ ގައުމު ކުރިމަތިލާފައި ވެއެވެ. މީގެ ތެރެއިން ފީފާ ވޯލްޑް ކަޕްގައި މި ދެ ގައުމު ކުރިމަތިލި ތިން މެޗާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ބައްދަލުކުރި މެޗުން ސްޕެއިން ވަނީ ކުރި ހޯދާފަ އެވެ. ވޯލްޑް ކަޕުގެ އެއް މެޗުން ވަނީ އެއްވަރު ވެފަ އެވެ. ސްލޮވާކިއާ ސްޕެއިންގެ މައްޗަށް ކުރި ހޯދާފައި ވަނީ 2015 ވަނަ އަހަރު ކުޅުނު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެކަންޏެވެ.