މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކެފޭ، ފިހާރަތަކުން ހިދުމަތް ދޭން އިތުރު ވަގުތު ދީފި

Jun 23, 2021

ކޮވިޑް-19 އާއި ގުޅިގެން އިއުލާނު ކުރި ކާފިއުގެ ވަގުތު ކުރުކުރުމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި މުދާ ވިއްކާ ފިހާރަތަކުން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އިރުއޮއްސި 6:00 އިން މެންދަމު 12:00 އަށް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާނަމަ ފުލުހުންގެ ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓްތަކަށް ވިޔަފާރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެެވެ. އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ރެސްޓޯރަންޓް އެސޯސިއޭޝަންގެ ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެދިފަ އެވެ. އަދ އެ މައްސަލަތަކަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ކޮވިޑްގެ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ކާފިއު ގަޑި މިހާރު ވަނީ އިރުއޮއްސި 6:00 އިން ފަތިހު 4:00 އަށް ކުރުކޮށްފަ އެވެ. އެކަމަކު ހުރިހާ ވަގުތަކު ވެސް ބޭރަށް ނިކުމެ އުޅެވެނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިފައިވާ މީހުންނަށް އެކަންޏެވެ.