މާލޭގައި ހުރި ވިޔަފާރި ކުރާ ތަންތަން / ވިޔަފާރިގެތައް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން އަނެއްކާ ވެސް އިންސްޕެކްޝަނެއް ފަށައިފި އެވެ.
ހެލްތު އެމަޖެންޖީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނީ، މި އިންސްޕެކްޝަން އުސޫލާ ހިލާފުވާ ފުރަތަމަ ފަހަރު ވައިޓް ނޯޓިހެއް ދެވަނަ ފަހަރު ރެޑް ނޯޓިހެއް އަދި ތިން ވަނަ ފަހަރު ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެގޮތުން ރެޑް ނޯޓިހުގައި ބުނެފައިވާ ކަންކަން ރަނގަޅު ނުކުރާނަމަ 5،000 ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ދެ ވަނަ ފަހަރު 25،000 ރ. ތިން ވަނަ ފަހަރު 50،000 ރ. ހަތަރު ވަނަ ފަހަރު 75،000 ރ. އަދި ފަސް ވަނަ ފަހަރު 100،000 ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
އިންސްޕެކްޝަން މިހާރު ފަށައިފައިވާއިރު މިހާތަނަށް 500 އަށްވުރެ ގިނަ ތަންތަން އިންސްޕެކްޓްކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. އޭގެތެރޭގައި ހިމެނޭ ގިނަ ފިހާރަތަކުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މީހުން ވަންނާނެ ވަކި މިންވަރެއް ކަނޑައަޅައި ފެންނަ ގޮތަށް ބަހައްޓާފައިވާ ކަމަށް ފާހަގަވި ކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރާ ވިޔަފާރިތަކަށް ހާއްސަ ސްޓިކާއެއް ދޭއިރު މިހާތަނަށް 243 ތަނަކަށް ސްޓިކާ ދީފައި ވެއެވެ.