މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް މަނާ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާނަމަ ބައެއް ހިދުމަތްތައް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވިޔަފާރިތަކަށް އަންގައިފި އެވެ.

މިނިސްޓްރީނ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާނަމަ އެ މީހުންނަށް އެއްވެސް ހިދުމަތެއް ނުދިނުމަށެވެ.

އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާނަމަ އާންމު އުސޫލުގެ ދަށުން ދެ ހަފްތާއިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް މިއަދުން ފެށިގެން ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ނޭރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ.

އޮފީސްތަކުގެ މުވައްޒަފުންނާއި ކޯޓުތަކުގެ ފަނޑިޔާރުން ވެސް އޮފީހަށް ނިކުންނަން ޖެހޭނީ ޕީސީއާރް ހަދާ، ނެގެޓިވް ނަތީޖާއަކާ އެކު އެވެ. މީގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް މިއަދުން ފެށިގެން ސުކޫލްތަކަށް ވެސް ނުވަދެވޭނެ ކަމަށް ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 60 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.