ވިޔަފާރި

ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓް މިމަހު 30 ކުރިން ހުށަހަޅަން ޖެހޭ

Jun 23, 2021

ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މި މަހު 30 ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ގެޒެޓް ކުރެވުނު ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައިވާ ގޮތުން،ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު އެ މިނިސްޓްރީ އަށް ހުށަހަޅަން ހަނދާކޮށްދީފަ އެވެ. އަދި މި ރިޕޯޓު މިހާރު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރެވަލް އެޖެންސީ ތަކުން މި ގަވައިދާ ހިލާފު ވެއްޖެނަމަ ޖޫރިމަނާ ކުރާނެ އެވެ. އަދި އެޖެންސީއެއްގެ ލައިސަންސް ބާތިލް ކުރުމުގެ ބާރުވެސް މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 454 ޓްރެވަލް އެޖެންސީއެއް ހިންގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ޓްރެވަލް އެޖެންސީ ހިންގަން އާ ގަވައިދެއް ނެރެފަ އެވެ. މި ގަވައިދުގެ ދަށުން ކުރިން އެޖެންސީ ހެދުމަށްހުރި ބައެއް ދަތިތައް ވަނީ ފިލައިގެން ގޮސްފަ އެވެ. ނަމަވެސް މި ވިޔަފާރިތަކަށް ހަމަ އަގު ނުލިބުމާއި ރާއްޖޭން ވިޔަފާރި ނުލިބުމުގެ ޝަކުވާތައް ކުރާތާ ލައްކަ ޒަމާން ވެއްޖެ އެވެ.