ރައީސް އޮފީސް

އީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

Jun 23, 2021

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ކޮމިޝަންގެ މެންބަރު ކަމުން މިމަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖުލައި 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ އުމުރުން 25 އަހަރުގެ ދިވެއްސަކަން ވާންޖެހެ އެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެ އެވެ.

މީގެއިތުރުން މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި އަދި އެފަދަ ހުކުމެއް ތަންފީޒުކޮށްފައިވާނަމަ ތަންފީޒު ކުރި ފަހުން ފަސް އަހަރު ވާންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ އެެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައިވެ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.