މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ މަސް ދުވަހުގެ ތަފާސްހިސާބު

Jun 23, 2021

މާލޭގެ މޭޔަރު ކަމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ފުރަތަމަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފި އެވެ.

ސިޓީ ކައުންސިލްގެ ފުރަތަމަ މަހު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަ ތަކަށް ބަލާއިރު ބިއްލޫރި ޖެހިގޭގައި ޕާކިން ޒޯން ހެދުމާއި، ބޮޑުގެ މިސްކިތާއި، ޗައިނާ އެމްބަސީ ކުރިމަތީ އާޓިފިޝަލް ބީޗުގައި ޕާކިން ޒޯނެއް ހެދުން ހިމެނެ އެވެ.

ފަސް ސަރަހައްދެއްގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ޒޯނު ކުރަހައިދިނުމާއި، އެމްބިއުލާންސް ޒޯނަށް ތިން ތަނެއް ހާއްސަކޮށްދީ ކުރަހައިދިނުން ހިމެނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސް ރޭމްޕް ހެދުމާއި، އެހެނިހެން ދެ ރޭމްޕެއް ވެސް ވަނީ ހަދާފަ އެވެ. ދެ ކާރު ޒޯނު 698 ސައިކަލް ޒޯނު ވެސް ވަނީ ކުރަހާފަ އެވެ.

ކޮންސްޓްރަކްޝަން ދާއިރާ އިން 10 ކޮންސްޓްރަކްޝަން ސައިޓުގެ މައްސަލަތަކެއް ބަލައި އެތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރަން ވަނީ ފަށާފަ އެވެ.

ސިޓީ ކައުންސިލުން ދީފައިވާ ބައެއް ހުއްދަތަކަށް ބަލާއިރު އުމްރާނީ މަސައްކަތްތަކަށް 78 ހުއްދަ، އިޖްތިމާއީ މަސައްކަތްތަކަށް 95 ހުއްދަ އަދި މަގު ކޮނުމުގެ މަސައްކަތަށް 547 ހުއްދަ ވަނީ ދީފަ އެވެ. ކާނު ސާފުކުރުމާއި، ގަސް ކޮށުމާއި، 19 މަގެއްގައި އަލަށް 44 ލައިޓް ހަރުކޮށް، 14 މަގެއްގައި ޖުމްލަ 125 ލައިޓް މަރާމާތު ކުރުން ވެސް ހިމެނެ އެވެ.

ކަނޑުފަޅުގެ ދާއިރާ އިން 189 އުޅަނދަށް މަސްވެރިކަމަށް ހުއްދަ ދީފައިވާއިރު 756 މީހުންނަށް މަސްވެރިކަމަށް ފުރުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. މީގެއިތުރުން މާރުކޭޓުގައި ހަތަރު ފާހާނާ ހަދަން ފެށުމާއި، މާރުކޭޓު ތެރެއިން އައިސް ލިބޭނެ ގޮތް ހެދުމުގެ އިތުރުން މާރުކޭޓުގެ އަށިތަކުގައި އައިސް އަޅައިގެން މަސް ވިއްކޭނެ އިންތިޒާމު ވެސް ވަނީ ހަދައިދީފަ އެވެ.

އިޖުތިމާއީ ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު 139 ތަނެއްގައި މަދިރި އުފެދޭ ގޮތަށް ހުރުމުން ބޭސް އެޅުމާއި، މަދިރި އުފެދޭ ގޮތަށް ހުރި 121 ތަނެއް އިސްލާހު ކުރަން ވެސް ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން މަދިރި ފަނި ހުރި 128 ތަނެއް ފެނިފައިވާއިރު 2649 ކާނަށް މަދިރި ބޭސް އަޅާފައިވެ އެވެ. އަދި 311 ތަނަކަށް ވަނީ ފޮގްކޮށްފަ އެވެ.