ކޮވިޑ-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކާއެކު ޖިމްތައް ހުޅުވުމުގެ ހުއްދައަށް އެދެން ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިދުމަތްދެމުންދާ ޖިމްތައް އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތްދޭ ގޮތަށް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ. އެ އެޖެންސީން ބުނީ އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތް ދިނުމަށް ބޭނުންވާ ޖިމްތަކުން ގައިޑްލައިނުގައިވާ މައުލޫމާތު ހިމެނޭ ގޮތަށް އަދި އެ ތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް ތައްޔާރުކޮށް މެއިލު ކުރުމަށް އެދޭ ކަމަށެވެ.
ގައިޑްލައިން ބުނާ ގޮތުން ސާވިސް ޕްލޭންގައި ތަނުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭ މީހުންގެ އަދަދާއި އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާ ގޮތް ބަޔާންކުރަން ޖެހެއެވެ.
މައުލޫމާތާއެކު ހިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާ ބެހޭ ބައިން އެ ތަންތަނުން ހުށަހަޅާފައިވާ އުސޫލު ރިވިއުކޮށް ތަން އިންސްޕެކްޓް ކުރާނެ އެވެ. އަދި ހިދުމަތް ފަށަންވާނީ އިންސްޕެކްޝަންއަށް ފަހު ހިދުމަތް ފެށުމަށް ހުއްދަ ދިނުމުންނެވެ. ހުށަހަޅާ އުސޫލު ރިވިއުކޮށް އިންސްޕެކްޝަން ހަދައި 48 ގަޑިއިރުތެރޭގައި ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.