ރައްޔިތުންގެ މަޖިލިސް

ހިސާން ބިލު ގެންދަން 107 ޖަމިއްޔާއަކުން ގޮވާލައިފި

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ބިލު އަނބުރާ ގެންދިއުމަށް 107 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެ ޖަމިއްޔާތަކުން އެކަމަށް ގޮވާލާ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި މި ބިލު ފާސްވެއްޖެނަމަ މުޖުތަމައުގެ ތެރޭގައި އެތަކެއް ގޯސްތަކެއް ފާޅުވެގެން ހިނގައިދާނެ ކަމަށެވެ.

އެގޮތުން މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައިވާ ދިވެހި ދައުލަތުގެ ދީންކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް މަދަނީ މުޖުތަމައުގައި ދެވިފައިވާ މަގާމު ހަނިވެ ދީނުގެ ދައުރު ދިވެހިންގެ ދިރިއުޅުމުން ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށާ މި ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ފާސްވެ ގާނޫނަކަށްވާ ހިސާބުން މުންކާރާތްތައް ނަހީކުރުމުގެ މަތިވެރި ދީނީ ޝިއާރު އިސްލާމީ މި ފަސްގަނޑުން އަށް ގަރުނު ފަހުން ފުރަތަމަ ފަހަރަށް ސަރުކާރުން ފާސްކުރާ ގާނޫނަކުން އެކީ އެކަށް ނެތިގެން ދާނެ ކަމަށެވެ.

މި ބިލުގެ ސަބަބުން މިފަހަކަށް އައިސް މުޖުތަމައުގައި ފެތުރޭ ދީނާ ހިލާފު ހައްދުފަހަނައަޅައި ހަރުކަށިވެދިޔުމުގެ ނުރައްކާތެރި ފިކުރާއި އިސްލާމްދީނާމެދު ނަފްރަތު އުފައްދާ ލާދީނީ ފިކުރުތައް އެއްވެސް ގާނޫނީ މަނާކުރުމެއްނެތި މިނިވަންކަމާއެކު އެމީހުންގެ ބާތިލު ފިކުރުތައް ފެތުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ބިލުގައި މުސްލިމުން ކާފަރުކުރުން ކުށަކަށް ވާނެ ގޮތްކަމަށް ބަޔާންކޮށް ހިމަނާފައިވާ ނުކުތާގެ ސަބަބުން ފާޅުގައި ދީނަށް ހަޖޫޖަހާ މީހުންނަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ. ބިލު ފަރުމާކޮށްފައިވާ ގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ ދީނާއި ހިލާފުނުވާ ގޮތަށް ހިޔާލުފާޅުކުރުން ހަނިވެގެންދާކަންވެސް ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.

"...އަދި ހަމަ އެއާއިއެކު ނަފުރަތާއި ފުރައްސާރަ އާއި ރުޅިވެރިކަން އުފެއްދުމަކީ މިހާރުވެސް ދިވެހިރާއްޖޭގެ ގާނޫނުތަކުން އާންމު ސިފައެއްގައި މަނާ ކަންކަމަށް ވެފައިވީ ހިނދުވެސް ސިޔާސީ އެކިއެކި ބޭނުމަށް އެކިއެކި ފަރުދުންގެ މައްޗަށް އެއްވެސް އަސާސެއްނެތި ޖިނާއީ ބޮޑެތި ކުށުގެ ތުހުމަތު އެޅުވުމާއި އިންސާނިއްޔަތުކަން ނަގާލާފަދަ ލަފުޒުތަކުން މުހާތަބުކުރުމާއި އެކިއެކި މީހުންނާއި އެމީހުންގެ އާއިލާތަކަށް ޖަމާީގޮތެއްގައި ލާއިންސާނީ ލަފުޒުތަކާއި ނަންތަކާއި އަދި ކުރެހުންތަކުން ކުރެވޭ ނަފުރަތު އުފެއްދުމާއި ފިތުނައާއި ރުޅިވެރިކަން އުފެއްދުމުގެ އެއްވެސް އަމަލެއް މި ބިލުން ކުށަކަށް ނުވާކަމީ މި ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދާއިމެދު އަޅުގަނޑުމެންނަށް ސުވާލުއުފެދޭ ކަމެއް،"


ޖަމިއްޔާތަކުން ބުނީ މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ލަފާދެއްވާދައިވުމާއި ގިނަ އަދަދެއްގެ ދަންނަބޭކަލުން އެކުވެގެން އެބިލު އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކޮށްފައިވުމުން މި ބިލާމެދު މަދަނީ ޖަމިއްޔާތަކުން އަމަލު ކުރަންޖެހޭ ގޮތް ވަނީ ވަރަށް ސާފުކޮށް ބަޔާންވެގެންނެވެ.