ޓީވީ ސީރީޒް

"އަނޫޕަމާ"ގައި ލީޑް ރޯލު ކުޅޭ ދީޕާލީ އާއި ސުދަންޝޫގެ ހަނގުރާމަ

މިހާރު އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކާ އެންމެ ކާމިޔާބު އެއް ސިލްސިލާ އަކީ "އަނޫޕަމާ" އެވެ. އަބަދުވެސް ޓެލެވިޒަން ރޭޓިންގެ އެންމެ ކުރީގައި އޮންނަ މި ސިލްސިލާގައި އަނޫޕަމާގެ ރޯލު ކުޅެނީ ރޫޕާލީ ގަންގޫލީ އެވެ. އަނޫޕަމާގެ ފިރިމީހާގެ ރޯލު ކުޅެނީ ސުދަންޝޫ ޕާންޑޭ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ސުދަންޝޫ އާއި ރޫޕާލީގެ މެދުގައި ވަރުގަދަ ހަނގުރާމައެއް މިހާރު ވަނީ ފެށިފަ އެވެ. އަދި ޝޫޓިންގްގައި އުޅޭއިރު ދެ މީހުން އެއްގޮތަކަށް ވެސް އެކަކު އަނެކަކާ ވާހަކަ ދައްކައެއް ނޫޅެ އެވެ.

މި ހަބަރުތައް ނޫސްތަކުގައި ލިޔަން ފެށުމުން ސުދަންޝޫ ވަނީ މި ވާހަކަތަކަށް ޖަވާބު ދީފަ އެވެ. އޭނާ ބުނީ އޭނާ އާއި ރޫޕާލީގެ މެދުގައި އެއްވެސް ކަމެއް ގޯސް ނޫން ކަމަށެވެ. ނަމަވެސް ދެ މީހުންގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތު ވެފައިވާކަން އޭނާ ވެސް އެއްބަސްވި އެވެ.

"ޚިޔާލު ތަފާތުވުމަކީ ވަރަށް އާންމުކޮށް އެކަކު އަނެކަކާ ދޭތެރޭ އޮންނަ ކަމެއް. ނަމަވެސް އެއީ ވަރުގަދަ ރުޅިވެރި ކަމެއްގެ ގޮތުގައި ސިފަ ކުރުމަކީ ގޯހެއް،" ސުދަންޝޫ ބުންޏެވެ.

ސުދަންޝޫ އާއި ރޫޕާލީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ޝެއާކުރާ ޕޯސްޓް ތަކުގައި ވެސް އެކަކު އަނެކަކުގެ ފޮޓޯތަކެއް ނުހިމަނަ އެވެ. މިކަމުން ވެސް ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ސުދަންޝޫގެ އިންޓަވިއުގައި ބުނީ އެގޮތަށް ކަންތައްކުރަނީ "އަނޫޕަމާ" ގައި އެ ދެ މީހުންގެ ކެރެކްޓާއަކީ ވެސް މިހާރު މުޅިން ވަކިވެފައިވާ ބަޔަކަށް ވާތީ އެވެ. ނަމަވެސް ސުދަންޝޫގެ ޕޯސްޓްތަކުގައި ސިލްސިލާގެ އެހެން އެކްޓަރުން ޓެގް ކުރާއިރު ރޫޕާލީ ޓެގް ނުކުރާކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

"އަހަންނަކަށް ނޭނގެ މީހުން މިކަހަލަ ސޭކު ވާހަކަ ދައްކަނީ ކީއްވެގެން ކަމެއް؟ އާންމުކޮށް ފޮޓޯތަކުގައި ޓެގް ކުރަނީ އެ ފޮޓޮއެއްގައި ތިބޭ މީހުން އެކަނި. ޝޯ ފެށިގެން އައިއިރު ރޫޕާލީ އާއި އަހަރެން އެކުގައި ގިނަ ވީޑިއޯތަކެއް ޕޯސްޓްކުރީ އޭރު ޝޯގައި ދައްކަނީ އަހަރެމެން ދެ މީހުންނަކީ ދެމަފިރިން ގޮތަށް ކަމަށް ވާތީ. މިހާރު އަހަރެންގެ ކެރެކްޓާ ކައިވެނި ކޮށްގެން އުޅެނީ ކާވްޔާ (މަދަލްސާ ޝަރުމާ) އާ. އެހެންވީމަ މިހާރު ކުރިޔަށްދާ ޓްރެކް ޕްރޮމޯޓް ކުރަން އަހަރެންނާ މަދަލްސާ ގުޅިގެން ވީޑީއޯތައް ޝެއާ ކުރަނީ،" ސުދަންޝޫ ބުންޏެވެ.

ސުދަންޝޫ ބުނީ ރޫޕާލީ އާއި އޭނާ އަކީ ވެސް މޮޅު ދެ އެކްޓަރުން ކަމަށާއި އަދި އެމީހުންގެ މެދުގައި ރުޅިވެރިކަން ނެތް ކަމަށެވެ.

"ޚިޔާލު ތަފާތުވުމަކީ ކޮން ބައެއްގެ މެދުގައި ވެސް އޮންނާނެ ކަމެއް. ބައެއް ފަހަރު ކަމަކާ އެއްބަސް ނުވެވި ރުޅި އާދެވޭނެ އެންމެންނަށް ވެސް. އެއީ ހަމައެކަނި ސެޓުތަކުގައި އުޅޭ އެކްޓަރުންނަށް ދިމާވާ ކަމެއް ނޫން. އެއް ގެއެއްގައި އުޅޭ ދެ މީހުންނަށް ވެސް މި ކަހަލަ ކަންތައްތަކާ ކުރިމަތިވާނެ. ނަމަވެސް ފިނި ހަނގުރާމައޭ ހަނގުރާމައޭ ފަދަ ބަސްތަކަކީ މިފަދަ ހާލަތަކާ ނުބައްދަލު ހަރުކަށި ބަސްތަކެއް،" ސުދަންޝޫ ބުންޏެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި "އަނޫޕަމާ"ގެ ސެޓު މިހާރު އޮތީ ދެ ފެކްޝަނަކަށް ބައިބައިވެފަ އެވެ. ރޫޕާލީ އާއި އަލްޕްނާ ބުޗް، އާޝިޝް މަލްހޯތުރާ އަދި މުސްކާން ބަމްނޭ އެއް ގްރޫޕެކެވެ. އަދި ސުދަންޝޫ އާއި މަދަލްސާ، އަނާގާ ބޯންސޭ އަދި ޕާރަސް ކަލްނާވަތު ވަކި ގްރޫޕްކެވެ.