ޓީވީ ސީރީޒް

އަތްމަތި ދަތިވެ ކާރާއި ގަހަނާ ވިއްކައިފިން: ޝަގުފްތާ

ޝަގުފްތާ އަލީ އަކީ އިންޑިޔާގެ ޓީވީތަކުން ދައްކާ ގިނަ ޑްރާމާތަކެއްގައި ތަފާތު ރޯލު ކުޅެމުން އަންނަ ބަތަލާ އެކެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ފާއިތުވީ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ކުޅޭނެ ސިލްސިލާތައް ނުލިބި އަތްމަތި ދަތިވެގެން ގަހަނާ އާއި ކާރު ވެސް ވިއްކާލައިފި ކަމަށް ޝަގުފްތާ ބުންޏެވެ.

ޝަގުފްތާގެ އެންމެ މަޝްހޫރު ސިލްސިލާ އަކީ "ސާންސް" އެވެ. އޭގެ ފަހުން "ޕަރަމްޕަރާ"، "ޖުނޫން" އަދި "ޒީ ހޮރޯ ޝޯ" ގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.

ޝަގުފްތާ ބުނި ގޮތުގައި އޭނާގެ ފައިސާގެ ހާލަތު ގޯސްވާން ފެށީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އެއީ އޭނާއަށް ކުޅެން ލިބޭ ރޯލުތައް މަދުވާން ފެށުމުންނެވެ. އޭރުއްސުރެ ކާރާއި ގަހަނާ ވިއްކައިގެން ދެ ތިން އަހަރު އުޅެވުނު ނަމަވެސް މިހާރު މުޅިން އަތްމަތި ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝަގުފްތާ އަށް މިގެ 20 ވަރަކަށް އަހަރު ކުރިން ބްރެސްޓް ކެންސާ ޖެހި މިއަދާ ހަމައަށް ވެސް އެ ބައްޔަށް ފަރުވާ ހޯދަމުންދާކަމަށް އޭނާ ބުންޏެވެ.

ޝަގުފްތާ އެންމެ ފަހުން ފެނިފައިވަނީ 2018 ގައި ދެއްކި "ބޭޕަނާ" އިންނެވެ. ޓީވީ ސިލްސިލާތަކުގެ ތެރެއިން ބައެއް ބޮލީވުޑް ފިލްމުތަކުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި "އިންޓަނޭޝަނަލް ކިލާޅީ"، "ހީރޯ ނަންބަރު 1" އަދި "ލައިލާ މަޖްނޫ" ހިމެނެ އެވެ.