ލައިފްސްޓައިލް

އައިނު ނާޅާ ނޫސްކިޔަން ނޭނގުމުން ކައިވެނި ނުކުރި

އިންޑިޔާއަށް މި ދުވަސްވަރަކީ ކައިވެނީގެ މޫސުމަށް ވާތީ ވަރަށް ގިނަ ކައިވެނިތައް މިހާރު ކޮންމެ ދުވަހަކު ވެސް ކުރެ އެވެ. އަދި ކައިވެނި ޕާޓީތަކުގައި ހިނގާ މަޖާ ކަންތައްތަކުގެ ވާހަކަ ވެސް މި ދުވަސްވަރު ވަރަށް ގިނަ އެވެ. އެގޮތުން އެންމެ ފަހުން ވެސް ކައިވެނީގެ ހަފުލާއެއްގައި ވަރަށް އަޖައިބެއް ކަހަލަ ކަމެއް ވަނީ ހިނގާފަ އެވެ.

އުއްތަރު ޕްރަދޭޝްގެ އޯރިޔާ ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާގައި ކައިވެނީގެ ރަސްމިއްޔާތުތައް ދެބައި ކުޅަ އެއްބައި ނިމިފައި ވަނިކޮށް ކައިވެނިކުރާ އަންހެންމީހާ ކުއްލިއަކަށް ކައިވެނި ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އޭނާގެ ހިޔާލު ކުއްލިއަކަށް ބަދަލުވީ ވާން އުޅޭ ފިރިމީހާ ކައިރީގައި ހިންދީ ބަހުން ލިޔެފައިވާ ނޫހެއް ކިޔާލަށް އަންހެންމީހާ ބުނުމުން އޭނާއަށް އެ ކިޔަން ނޭނގުނީމަ އައި ރުޅީގަ އެވެ.

މި ފިރިހެންމީހާއަށް ނޫސް ނުކިޔުނީ އޭނާއަކީ ނުކިޔަވާ ހުރި މީހަކަށް ވާތީއެއް ނޫނެވެ. އަދި ހިންދީ ބަހުން ލިޔެފައި ހުންނަ އެއްޗެތި ކިޔަން ނޭނގޭތީ އެއްވެސް ނޫނެވެ. އޭނާގެ ދެ ލޯ ބަލިކަމުން އައިނު ނާޅާ ކިޔަން ނޭނގޭތީ އެވެ.

އަންހެންމީހާ ބޭނުންވީ އޭނާގެ ވާން އުޅޭ ފިރިމީހާ އައިނު ނާޅާ ނޫސް ކިޔާށެވެ. އައިނު ނާޅާ ނޫސް ނުކިޔުނީމަ އައި ރުޅީގައި ކައިވެނި ކެންސަލް ކުރުމުގެ އިތުރުން ފިރިހެންމީހާ އާއި އާއިލާގެ ޝަކުވާ މިހާރު އަންހެންމީހާ އާއި އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

ޖަމާލީޕޫރު އަވަށުގައި އުޅޭ އަރްޖުން ސިންގް އޭނާގެ އަންހެން ދަރިފުޅު އަރްޗަނާގެ ކައިވެނި ޝިވަމް ކިޔާ މީހަކާ ކޮށްދޭން ނިންމި އެވެ. ޝިވަމް އަކީ އަޗަލްޑާ އަވަށުގެ މީހެކެވެ.

އަރްޗަނާގެ ބައްޕައަށް އޭނާއަކީ ކިޔަވައިގެން ހުރި މީހެއްކަން އެނގުމުން އެމީހުންގެ ކައިވެނި މިހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހު ކުރާ ގޮތަށް ހަމަޖެއްސީ އެވެ.

ކައިވެނިކުރަން ހަމަޖެހިފައި އޮތް ދުވަހު ޝިވަމް އޭނާގެ ކައިވެނީގައި ބައިވެރިވާ މީހުންނާއެކު އަރްޗަނާގެ ގެޔަށް ކައިވެނީގެ ރަސްމިއްޔާތަށް އައެވެ. އަދި އަރްޗަނާގެ އާއިލާއިން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި މޮޓޯސައިކަލަކާއި ފައިސާ ހަދިޔާ ކުރި އެވެ.

ފިރިހެންމީހާ އަށް ހާއްސަ ތަހުތެއް ފަދަ ރީތި ގޮނޑިއެއް ތައްޔާރުކޮށް އޭނާ އިނީ އެ ގޮނޑީގައި ބައިންދާފަ އެވެ. އަދި އޭނާގެ އާއިލާއަށް ވުރެ ވަރަށް ރަނގަޅަށް އަރްޗަނާގެ އާއިލާއިން ކަންތައްތައް ކޮށްދެމުން ދިޔަ އެވެ.

ނަމަވެސް ކައިވެނީގެ އެކި ރަސްމިއްޔާތުތައް ފުރިހަމަ ކުރަމުން ގޮސް ވަކި ހިސާބަކަށް ދިޔަތަނާ އަރްޗަނާ އަށް ޝިވަމްގެ ފަރާތުން ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އަބަދު އައިނު އަޅައިގެން ހުރުމެވެ. އެހިސާބުން ޝިވަމް ލައްވާ އައިނު ނާޅާ ނޫސް ކިޔުއްވަން އުޅުމުން އޭނާއަށް އެކަން ނުވުމުން ކައިވެނި ކުރަން ދެކޮޅު ހެދީ އެވެ.

އަރްޗަނާގެ ބައްޕަ ބުނީ ކައިވެނީގެ ކަންކަން ހަމަޖައްސަން ޝިވަމް އާއި އާއިލާއާ ބައްދަލުކުރި ދުވަހު ޝިވަމް އައިނު އަޅައިގެން އިނީމަ އޭނާ ހީކުރީ ފެޝަނަކަށް އަޅައިގެން އިން އެއްޗެއް ކަމަކަށެވެ. ނަމަވެސް އޭނާއަކީ ވަރަށް ލޯ ބަލި މީހެއްކަން އެނގުނީ ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ދަނިކޮށެވެ. އެހިސާބުން އެމީހުން ކައިވެނި ކުރުން ހުއްޓާލާފައި އެނބުރި ދިޔައީ އެވެ.

ގުނަކުރާ ނަވަތަ ނޭނގިގެން ވެސް ދާދިފަހުން އިންޑިޔާގައި ކައިވެންޏެއްގެ މެދު ތެރެއިން އެ ކައިވެނި ކެންސަލް ކޮށްފައި ވެއެވެ. އަދި އުރުދޫ ބަސްތައް ރީތިކޮށް ކިޔަން ނޭނގިގެން ވެސް ވަރަށް ފަހުން ކައިވެންޏެއް ކެންސަލް ކުރި އެވެ.