ސަލަފް ޖަމިއްޔާ

ސަލަފުގެ ޝައިހް މުޖުތަބާ ފުލުހަށް ހާޒިރުކުރަނީ

ޖަމިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މުޖުތަބާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރާ ކަން އެނގުނީ އެ ޖަމިއްޔާގެ މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އަލީ ރަމީޒުގެ ޓްވީޓަކުންނެވެ.

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރު، މުޖުތަބާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު އެވެ. މުޖުތަބާ ފުލުހަށް ހާޒިރުކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތު އިސްލާހު ކުރަން ހުށަހަޅުއްވައި "ހިސާން ބިލު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބިލާމެދު ސަލަފުގެ އިލްމުވެރިން ގެންދަވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އެ ބިލް ފާސްކުރުމާ ދެކޮޅު ހައްދަވަމުންނެވެ.

އެ ބިލް އަނބުރާ ގެންދަން ގޮވާލައި 101 އިލްމުވެރިޔަކު ސޮއި ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިހާރު ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅުއްވާފަ އެވެ. މި ޕެޓިޝަންގައި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް މުޖުތަބާ ހިމެނިވަޑައިގަންނަވަ އެވެ.

"ހިސާން ބިލަ"ން ގާނޫނުލްއުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރާނެ އެވެ. "ހިސާންބިލް" ގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ.