ޓޫރިޒަމް

ރާއްޖެ އިޝްތިހާރު ކުރަން ޖަރުމަނުގައި ހަރަކާތެއް

ޖަރުމަނުގެ ފަތުރުވެރިކަމުގެ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރަން އީ ލާނިން ޕްރޮގްރާމެއް ފަށައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މީޑީއާ ޗެނަލް ކަމަށްވާ އެފްވީޑަބްލިއު އާއި ގުޅިގެނެވެ.

މި ޕްރޮގްރާމަކީ ރާއްޖެ އިޝްތިހާރު ކުރަން "ވިޒިޓް މޯލްޑިވްސް" ދަށުން މިއަހަރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.

މި ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި 400 ފަރާތަކުން ބައިވެރި ވެއެވެ. އަދި ބައިވެރިވާ ފަރާތްތައް އިތުރު ކުރުމުގެ ގޮތުން އެފްވީޑަބްލިއުގެ ދެ ނިއުސް ލެޓާއެއްގައި މި ޕްރޮގްރާމް އިޝްތިހާރު ކުރާނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ޕްރޮޑަކްޓްތަކާއި ރާއްޖެއަށް ދަތުރު ކުރުމުގައި މިވަގުތަށް ހަދާފައިވާ އުސޫލުތަކުގެ މައުލޫމާތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 23،883 ފަތުރުވެރިން ޖަރުމަނުން އައިސްފައިވެ އެވެ.