ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ފަތިހު ކުޅުނު މެޗު ޑްރަމެޓިކް ގޮތަކަށް ކާމިޔާބު ކޮށް ބްރެޒިލުން ގްރޫޕް ބީގެ އެއް ވަނައިގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޮލަމްބިއާ އާއި ވާދަކުރި މި މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކޮލަމްބިއާ އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ކޮލަމްބިއާގެ އެ ލަނޑު ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒް އެވެ. ބްރެޒިލްގެ އޭރިއާ ތެރެއަށް މަތިމަތިން ހުރަސްކުރި ބޯޅަ ޑިއާޒް ގޯލުގެ ތެރެއަށް ވައްދާލީ އޯވާ ހެޑަކުންނެވެ. ގޯލުގެ ކައިރި ކަނަށް ފޮނުވާލި ބޯޅާ މަތަ ކުރަން ކީޕަރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މިއީ ކޮޕާ އެމެރިކާ 2021 ގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު ގޯލެވެ.
ލުއިޒްގެ މި ގޯލާއެކު ބްރެޒިލުން ކުރިއަށް ޖެހި އެޓޭކް ވަރުގަދަ ކުރުމަށް މަޖުބޫރުވި އެވެ. އެގޮތުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ބްރެޒިލަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. ބްރެޒިލްގެ ނޭމާއަށް ލިބުނު ރަނުގެ ފުރުސަތެއް އޭނާއަށް ވަނީ ބޭނުން ނުހިފި ބޭކާރުވެފަ އެވެ. ކީޕަރު ބީޓު ކޮށްލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ ކޮލަމްބިއާ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓީމުގެ ކެޕްޓަން ކަސެމީރޯ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮބާޓޯ ފާމީނޯ އެވެ. އެޓޭކް އުފެއްދުމުގެ ތެރޭގައި ނޭމާ ޖެހި ބޯޅަ ޖެހުނީ މެޗުގެ ރެފްރީ ނެސްޓާ ޕިޓާނާ ގައިގަ އެވެ. އެހެން ކަމުން ކުޅުން ހުއްޓުވާނެ ކަމަށް ބަލައިގެން ކޮލަމްބިއާ ޑިފެންޑަރުން ތިއްބާ، ވޯލްޑް ކަޕް 2018 ގެ ފައިނަލު މެޗުގައި ވެސް ރެފްރީކަން ކުރި ނެސްޓާ ވަނީ ކުޅުން ކުރިއަށް ގެންދަން އަންގާފަ އެވެ. މި ގޯލު ޖެހި ގޮތާއި މެދު ކޮލަމްބިއާ ޓީމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ގިނަ އިރުތަކެއް ވަންދެން ޝަކުވާ ކޮށްފަ އެވެ.
ނަތީޖާ އަކަށް ވެގެން ދިޔައީ ގެއްލުނު ވަގުތުގެ ބަދަލުގައި އިތުރު ދހަ މިނެޓު ކުޅުމަށް ރެފްރީ ނިންމުމެވެ. މެޗުގެ 100 ވަނަ މިނެޓުގައި ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ޖެހި ލަނޑުން ބްރެޒިލް ވަނީ ފަހަތުން އަރާ ލީޑު ނަގާފަ އެވެ. މި ލަނޑަކީ ޓީމުގެ ތަރި ނޭމާ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ކަސެމީރޯ ކާމިޔާބު ކުރި ލަނޑެކެވެ.
ގްރޫޕް ބީގައި ރޭ ކުޅުނެ އަނެއް މެޗުން ވަނީ ދެ ޓީމު އެއްވަރު ވެފަ އެވެ. ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ޕެރޫ އާއި އެކުއަޑޯރު ބައްދަލު ކުރި މެޗު ނިމުނީ 2-2 އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑަކީ ޕެރޫގެ ރެނާޓޯ ޓާޕިއާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެކުއާޑޯއަށް ލީޑު ފުޅާ ކޮށްދިނީ ޕްރިސިއާޑޯ އެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗުގެ 49 ވަނަ މިނެޓުގައި ލެޕަޑުލާ ވަނީ ޕެރޫ އަށް ގޯލެއް ޖަހައިދީފަ އެވެ. ޕެރޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޑްރީ ކަރިއޯ އެވެ. މި މެޗުގައި ގިނައިރު ބޯޅާ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އެކުއާޑޯއިންނެވެ.
މި ނަތީޖާ ތަކާއެކު ބާކީ އެއް މެޗު އޮއްވާ ބްރެޒިލް ވަނީ ގްރޫޕްގެ އެއް ވަނައިގައި ކުއާޓާ ފައިނަލް ކަށަވަރު ކޮށްފަ އެވެ. ކުޅުނު ތިން މެޗުން މޮޅުވެ ބްރެޒިލް އަށް ނުވަ ޕޮއިންޓް ލިބިފައިވެ އެވެ. ދެ ވަނައިގައި ކޮލަމްބިއާ އޮތީ ހަތަރު ޕޮއިންޓާއި އެކު ފައިދާ ގޯލުގެ ގޮތުން ޕެރޫއަށްވުރެ މަތިވުމުންނެވެ. މިއަދު ފަތިހު ބްރެޒިލް އާއި ބައްދަލު ކުރީ އެ ޓީމުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގަ އެވެ. ކޮލަމްބިއާ އަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިންލަ ކަށަވަރު ވެފަ އެވެ. ޕެރޫ އެކުއާޑޮ އަދި ވެނެޒުއެލާ ވާދަ ކުރަނީ ތިން ވަނަ އަދި ހަތަރު ވަނައިގައި ހިމެނިގެން ދެވަނަ ބުރަށް ދަތުރު ކުރުމަށެވެ. ވެނެޒުއޭލާ އާއި އެކުއާޑޯ އަށް ދެ ޕޮއިންޓް ލިބިފައި ވާއިރު ވެނެޒުއޭލާ ގްރޫޕްގެ ފުލުގައި އޮތީ ބައިކޮޅަށް ގިނަ ގޯލު ވަނުމުންނެވެ.