އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސީސީޓީވީ ކެމަރާ ހަރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުން ކަމަށެވެ. އަދި އޭގެފަހުން މަގުތަކާއި ޕާކްތައް އަދި މިނޫންވެސް އާަންމުން އުޅޭ ސަރަހައްދު ތަކުގައި ކެމެރާ ހަރުކުރަން ވަނީ ނިންމާފަ އެވެ.

"ސީސީޓީވީ ކެމެރާ އަކީ އެތަނެއްގެ ރައްކާތެރިކަން ބެލެހެއްޓުމަށް މުހިންމު އެއްޗެއް. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސީސީޓީވީގެ ސަބަބުން ކުއްތައް ވަނީ މަދުވެފައި،" އެޗްޑީސީގެ ބަޔާނެއްގައިވެ އެވެ.

އެޗްޑީސީން ބުނީ ގިނަ ފަހަރު ކަމާބެހޭ ފަރާތްތަކަށް ކުށުގެ މައްސަލަތައް ބަލައި ހުއްޓުވުމަށް އޮންނަ މައިގަނޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ނުލިބުމެވެ.

ބޭރުގެ ނުވަ ގައުމަކުން ކޮށްފައިވާ ދިރާސާ ތަކާ ހަވާލާދީ އެޗްޑީސީން ބުނީ ސީސީޓީވީ ކެމެރާ ތަކުގެ ސަބަބުން އެތަނެއްގައި 30 ޕަސަންޓާއި 40 ޕަސަންޓާއި ދެމެދުގެ އަދަދަކަށް ކުށްތައް މަދުކުރެވޭ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ މަސައްކަތްތައް 20 ޕަސަންޓާއި 35 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ހަލުވިވެގެންދާ ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާންމުން ދިރިއުޅޭ ސަރަހައްދު ތަކުގައި ކުށްތައް 20 ޕަސަންޓަށް ދަށްކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ސީސީޓީވީ ކެމަރާ ހަރުކުރުމުގެ މަސައްކަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެށި ނަމަވެސް އެޗްޑީސީން ނިންމާފައިވަނީ މުޅި ހުޅުމާލޭގައި ސީސީޓީވީ ކެމަރާ ހަރު ކުރުމަށެވެ. އޭގެފަހުގައި އެޗްޑީސީގެ ޖީޕީއޯއެން ނެޓްވޯކްގެ ތެރެއިން ހުރިހާ ކެމަރާއެއް ގުޅާލުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. މީގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކަށް ބަދަލުވަމުންދާ ހާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށް އެޗްޑީސީން އުއްމީދު ކުރެ އެވެ.

ކުށްތައް މަދު އަމާން މުޖުތަމައެއް ބިނާ ކުރުމަކީ އެކުންފުނީގެ މައިގަނޑު އެއް މަގުސަދު ކަމަށް ބުނެ އެޗްޑީސީން ވަނީ ކެމަރާ ހަރުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ނިންމާފަ އެވެ. އަދި ސްމާޓް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ވުރެ ބޮޑަށް ކަށަވަރުވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.