އެމްޑީޕީ

އެމްޑީޕީއަށް ލިބުނު ގެއްލުންތަކުގެ މައްސަލަތައް އިންތިގާލީ އޮފީހަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބިފައިވާ ގެއްލުންތަކުގެ މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅާ އިންސާފު ހޯދުމަށް މަސައްކަތް ކުރުމަށް އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ގޮވާލައްވައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ވެސް ހުންނެވި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ގެއްލުން ލިބިފައިވާ ޕާޓީއެއް ކަމަށާ ޕާޓީގެ މެންބަރުންނާއި ޕާޓީގެ މުދަލާއި ވަސީލަތްތަކަށް އެކި ގޮތްގޮތުން އަނިޔާ ދީފައިވާ ކަމަށެވެ.

އެއީ އިންސާފު ހޯދަން ޖެހޭ ކަންކަން ކަމަށާ އެހެން ކަމުން އެފަދަ މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުއްވުމަށް ބޭނުންވާ ކަމަށެވެ. އަދި އެ ވާހަކަތައް ޕާޓީގެ ސެކްރެޓޭރިއޭޓްގެ ދެ ބައްދަލުވުމެއްގައި ދެކެވި މަޝްވަރާ ކުރެވިފައިވާ ކަމަށާ އެ މަސައްކަތް ޕާޓީގެ "ހައްގު ކޮމެޓީ" ގެ ތެރެއިން ކުރެވޭނެ އިންތިޒާމުތަކެއް ހަަމަޖެހެމުންދާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށައެޅުމަށް ދެ މަސް ދުވަހުގެ ފުުރުސަތެއް އެ ކޮމެޓީން ދީފައިވާ ކަމަށާ އެހެން ކަމުން އެކަމަށް ތައްޔާރުވާން ޕާޓީގެ މެންބަރުންނަށް ޝިފާޒު ގޮވާލެއްވިއެވެ.

"މި ޕާޓީ [އެމްޑީޕީ] އަށް ލިބުނު ގެއްލުންތަކުގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުމަށް ތައްޔާރުވާން މި މުހުލަތު [ދެ މަސް ދުވަސް] ތެރޭގައި. އެނގިވަޑައިގަންނަވާނެ މިއީ ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ޕާޓީއެއް. ވަރަށް ބޮޑެތި އަނިޔާ ޕާޓީގެ މެންބަރުނަަށް ވެސް ޕާޓީގެ މުދަލަށް ވެސް ޕާޓީގެ ވަސީލަތްތަކަށް ވެސް އެކިވަރުގެ އެކި އަނިޔާ އެކި ގޮތްތަކަށް ލިބިފައިވޭ. އެނގިވަޑައިގަންނަވާނެ މި ގައުމުގައި އުފެދުނު ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ބަޣާވާތެއްކޮށް މަގުމަތިކޮށްލި،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާދިޔަ ކަންކަން އެއްކުރަން ޖެހޭ ކަަމަށެވެ. އަދި އެމްޑީޕީއަށް ލިބިފައިވާ ގެއްލުންތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަަމަށެވެ. 

މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.

އެ އޮފީހަށް މައްސަލަ ހުށަޅަން ފުރުސަތު ދީފައި ވަނީ އަންނަ އޯގަސްޓްމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް މައްސަލަތަކަށް އިންސާފު ހޯދަން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން އޮވެ އެވެ.