ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަަކަށް އެހުމަށާއި އެ ވޯޓްގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ރައްޔިތުން ކަނޑައަޅައިފިނަމަ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށައަޅާ ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ގަރާރެއް ހުށައަޅުއްވައިފި އެވެ.
ނަޝީދުގެ މި ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކުގައެވެ. އެ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.
އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.
ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.