ރައީސް މުހައްމަދު ނަޝީދު

ނަޝީދު ދެއްވީ އެކުގައި ހުންނަވާނެ ކަމުގެ ޔަގީންކަން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި އެމަނިކުފާނު ވާހަކަފުޅު ދައްކަވައިިފި އެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމުތަކާއި ގުޅިގެން އެމަނިކުފާނު އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އާއިލާއިން ބުނީ ރައީސް ނަޝީދުގެ "ރިކަވަރީ" ވަރަށް އަވަސް ކަމަށާ މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެން ހިންގަވާ އުޅުއްވާ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއަށްފަހު ފަރުވާއަށް އެޑްމިޓް ކުރެއްވުނު ފަހުން އެމަނިކުފާނަށް ޒިޔާރަތް ކުރެއްވެނީ އާއިލީ ބޭފުޅުންނަށެވެ. ރައީސް ސޯލިހްގެ ދެކަނބަލުން ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ނަމަވެސް މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް އެމަނިކުފާނާ ވާހަކަ ދެއްކެވުމުގެ ފުުރުސަތު ލިބިވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުއާ ވާހަކަދައްކާލުމުގެ ފުރުސަތު މިއަދު ލިބިފައިވާ ކަމަށެވެ. އެ ފުރުސަތުގައި އެމްޑީޕީގެ މެންބަރުންނާއެކު އަބަދުވެސް ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

"ރައީސް ނަޝީދު ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ވެދުން ދެންނެވި އަދި އަބަދުވެސް ތިޔަ ބޭފުޅުންނާއެކު ހުންނަވާނެ ކަމުގައި ދަންނަވަން ވިދާޅުވި،" ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ވިދާޅުވީ ރައީސް ނަޝީދާ ވާހަކަދެއްކުމުގެ ފުރުސަތު ލިބިފައިވާ ކަަމަށެވެ.

"ވިދާޅުވީ 'އެންމެނަށް ވަރަށް ސަލާމް' ހާއްސަކޮށް އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ސަލާމް،" ޝިފާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.