މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނެތި ދިއުމަކީ ގައުމަށްވެސް އޮތް ބިރެއް ކަމަށާ އެ ޕާޓީގެ އުފެއްދުންތެރިން އައު ހިތްވަރަކާއެކު ތެދުވެ އެމްޑީޕީ ސަލާމަތް ކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ ޓްވިޓާގައި މިއަދު އާންމު ކުރެއްވި ނޯޓް ކޮޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނެވި މޫސާ މަނިކު ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ސޯލިހަށް ތައުރީފު ކުރައްވާ އެމްޑީޕީގެ ތެރެއިން އެމަނިކުފާނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށް ދެއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.
މޫސަ ވިދާޅުވީ ހުދުމުހުތާރު އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ތެދުވެ އަޑުއުުފުލާ ރައްޔިތުންގެ ބަޔަކު ހެދި ގާނޫނު އަސާސީއަށް ސާދަ އަހަރު ފުރުނުއިރު މިނިވަން ކަމަށް އަޑުއުފުލި އެންމެ ފިކުރެއް ކަމަށް ބުނެ އުފެއްދި އެމްޑީޕީ، ޕާޓީއެއްގެ ސިފަޔާއި ޑިމޮކްރަސީގެ ހަމަތަކާއި މުޅީން ދުރަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ޕާޓީ މިހާރު ވެފައިވަނީ ވަކި މީހަކު ވަށައިގެން އެނބުރޭ ވަކި މީހެއްގެ ފިކުރަކަށް ކަމަށެވެ.
"... އަމިއްލަ މީހާއަށް ސަނާ ކިޔާ ވަކި ބައެއްގެ ބާރުގައި ހިސާރުކުރެވިފައިވާ ޕާޓީއަކަށް އެމްޑީޕީ ބަދަލުވީ ވަރަކީ އަމިއްލަ ޕާޓީން ހޮވާފައިހުރި ރައީސުލްޖުމްހޫރިއްޔާވެސް ގަބޫލެއް ނުކުރޭ،" ނަޝީދަށް ފާޑުވިދާޅުވެ މޫސަ ލިޔުއްވި ނޯޓްގައި ވެއެވެ.
މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕް މިހާރު ބަދަލުވެފައިވަނީ މާޒީގައި ރަށްރަށުގައި ތިބި ކަތީބުން ކަހަލަ ބަޔަކަށެވެ. އޭނާ އެ އިޝާރާތް ކުރަނީ އޭރު ރަށްރަށުގައި ތިބި ކަތީބުންނަކީ ރައީސުލްްޖުމްހޫރިއްޔާ އަންގަވާހާ ގޮތަކަށް އަމަލު ކުރާ ބައެއް ކަމަށް އެމްޑީޕީ އާއި ރައީސް މައުމޫންގެ ވާދަވެރިން އޭރު ކުރަމުން އައި ތުހުމަތަކަށެވެ.
"އެމްޑީޕީ ނެތި ދިއުމަކީ ގައުމަށްވެސް އޮތް ބިރެއް. ޕާޓީގެ އުފެއްދުންތެރިން އާ ހިތްވަރަކާއެކު ތެދުވެ އެމްޑީޕީ ސަލާމަތް ކުރަން ޖެހިއްޖެ،" އެމްޑީޕީ އާއި ފެޔަށް ޖެހިވަޑައިގެން ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެންޕެއިންގައި ވަރަށް ވަރުގަދައަށް ހަރަކާތްތެރިވެ ވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.