ރީކޯ މޫސާ މަނިކު

މޫސަގެ ސުވާލެއް: ރައީސާ ދެކޮޅަށް އެމްޑީޕީން ހަނގުރާމަ އިއުލާނުކުރީތަ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ދިވެހި ފުލުހުންގެ ބިލަށް އެމްޑީޕީގެ ޕީޖީ މެންބަރުން އިތުރު އިސްލާހުތަކެއް ހުށައެޅުމުން އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ސުވާލު އުފައްދަވައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލްގައި ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ފުލުހުންގެ ހުވާ ބަދަލުކޮށް އިސްލާމްދީނުގެ ކުރިއަށް އިންސާނީ ހައްގުތައް އިސްކޮށްފައިވާތީ އެކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ފުލުހުންގެ ބިލުގައި ބަރުލަމާނީ ނިޒާމުގެ ސިފަތައް ހިމެނުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު މެންބަރުން ކުރެއެވެ.

މޫސާ މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފުލުހުންގެ ގާނޫނު އިސްލާހުތަކާއެެކު ހުށައަޅާފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން އިތުރު އިސްލާހުތަކެއް ހުށައެޅީ ކީއްވެގެންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެކަން އެހެން ހިނގާ ދިއުމަކީ ރައީސް ސޯލިހާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން. ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ލީޑަރު. އެ އިސްލާހު ކަމުނުގޮސްގެން ޕާޓީގެ ޗެއާޕާސަން މަޖިލީހަށް އިސްލާހު ތަކެއް ލީމާ ޕާޓީގެ ރައީސް މަޖިލީހުން އެ އިސްލާހު ކުރިއަށް ގެންދަނީ ރައީސް ސޯލިހާއި ޕާޓީގެ ވެރިން ހަނގުރާމަ އިއުލާނުކުރީތޯ؟،" މޫސަގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުންގެ ބިލަކީ އެ މުއައްސަސާގެ ތެރެއަށް ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ.