ދުނިޔެ

ޕޫޓިންއާ އުރުދުޣާން ފޯނުން މަޝްވަރާކުރައްވައިފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފޯނުން މަޝްވަރާ ކުރައްވައި ދެ ގައުމުގެ މަސްލަހަތާ ބެހޭ ގޮތުން ސައްލާ ކުރައްވައިފި އެވެ. ދެ ރައީސުން މިފަހަރު ވާހަކަފުޅު ދެއްކެވީ މުޅިން ވެސް ދެ ގައުމުގެ ޝައުގުވެރިކަމާ ބެހޭ ގޮތުންނެވެ.

ޕޫޓިންއާ އުރުދުޣާން އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި މައުލޫތަކުގެ ތެރޭގައި ޓޫރިޒަމާއި ސްޕުޓިނިކްވީ ވެކްސިން އަދި އަޒަރުބައިޖާންގެ ނަގޯނޯކަރަބާ އާއި ސީރިއާ ހިމެނޭ ކަމަށް ދެ ބޭފުޅުންގެ ބައްދަލުވުން ޚުލާސާކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ

ރަޝިއާގެ ވެރިރަށް މޮސްކޯގައި މި އަހަރު ޖުގައި 30 ގައި ބާއްވަން ހަމަޖައްސާފައިވާ ޖޮއިންޓް އިކޮނޮމިކް ކޮމިޝަންގައި ޚިޔާލު ބަދަލު ކުރަން ހުރި މައުލޫތަކަށް ވެސް ދެ ބޭފުޅުން އަލިއަޅުވާލެއްވެވި އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވޭނީ ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތަކުން ވަކި އަމާޒެއް ހާސިލުުކުރުމަށެވެ. މިއަހަރު ކަނޑައަޅާފައި ވަނީ 100 ބިލިއަން އެމެރިކާ ޑޮލަރަށް ވާސިލުވުމަށެވެ.

ދެ ގައުމުގައި ވެސް ކޮވިޑްގެ ހާލަތު އަދިވެސް އޮތީ ސިއްސައިގެންދާ ވަރުގަ އެވެ. އެހެން ނަމަވެސް ޖޫން 22 އިން ފެށިގެން ދެ ގައުމުގެ ދެމެދުގައި ފްލައިޓައް އޮޕަރޭޓްކުރަން ވަނީ ފަށާފަ އެވެ. ރަޝިއާ ޓޫރިސްޓުންގެ މެދުގަައި ތުރުކީއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ.

އުރުދުޣާން މިދާކަށް ދުވަހު އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ވެސް ޕޫޓިންއަށް ދެންނެވި އެވެ. އެމަނިކުފާން ވިދާޅުވީ އަޒަރުބައިޖާންގެ އަވަށްތަކަށް އަރުމީނިއާއިން ވަރަށް ބޮޑެތި ގެއްލުންދީފައި ހުރި ކަމަށާއި މިހިސާބުން ވެސް ދެކޮޅުވެރިކަން ދޫކޮށްލާފައި ސުލްހަވެރި ކަމުގައި ގައުމު ތަރައްގީ ކުރަންވީ ކަމަށެވެ.

ޕޫޓިން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޖެނީވާގައި އެމެރިކާގެ ރައީސާ ބައްދަލު ކުރައްވައި ހިނގާދިއަ ބައެއް ކަންތައްތައް ހިމެނެ އެވެ.

ދެގައުމުގެ އަސްކަރިއްޔާއިން ދުނިޔޭގައި މަސްލަހަތު ގާއިމުު ކުރުމަށް އެހީތެރިވަމުން ގެންދާއިރު ދެ ގައުމުން އެކައްޗެއް ކިޔުން މުހިންމު ކަމަށް ވެސް ދެ ރައީސުން ވިދާޅުވި އެވެ. އަދި ދޭތެރެ ދޭތެރެއިން މަޝްވަރާ ކުރައްވައި އެކުވެރި ކަމުގައި ދެމިތިބުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެވެ.