ބޮލީވުޑް

މަންދާކިނީގެ މިހާރުގެ ފޮޓޯއެއް: އަދިވެސް އެހާ ރީތި

"ރާމް ތޭރީ ގަންގާ މޭލީ" އިން އެތައް މިލިއަން ބައެއްގެ ހިތްތައް އަތުލި ރީތި ބަތަލާ މަންދާކިނީ ބޮޑު ސްކްރީނުން ގެއްލުނުތާ އެތައް ޒަމާނެއް ވެއްޖެ އެވެ. މަންދާކިނީގެ ފަހުގެ ފޮޓޯއެއް ވެސް ނުފެންނަތާ ޒަމާންގަނޑަކަށް ފަހު ދާދި ފަހުން ސޯޝަލް މީޑިއާގައި އޭނާގެ މިހާރުގެ ފޮޓޯއެއް ދައުރުވާން ފެށުމުން އިސާހިތަކު ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯއަށް ވަނީ ލިބިފަ އެވެ.

މި ފޮޓޯގައި މަންދާކިނީ ފެންނަނީ ވަރަށް ތަފާތުކޮށް ނަމަވެސް އޭނާގެ ކުރީގެ ރީތި ސޫރައަށް އަދިވެސް ބަދަލެއް ނާންނަކަން ފޮޓޯއިން ހާމަވެ އެވެ. ކުރީގެ ހުރި ފަރިކަމާއި ބަނިޔާދަންކަން އަދިވެސް އޭނާގެ ހުރި ކަން، ނޫކުލައިގެ ކުރުތާއެއް ލައިގެން ހުއްޓާ ފެންނަ މި ފޮޓޯއިން ހާމަވެ އެވެ.

މި ފޮޓޯ ވައިރަލްވުމާއެކު މަންދާކިނީގެ ފޭނުން އުފަލުން އުތުރި އަރައިގަތެވެ. އަދި ތަފާތު ކޮމެންޓުތައް މި ފޮޓޯއަށް ކުރަން ފެށި އެވެ. އެންމެން ވެސް ބުނަނީ އަދިވެސް އޭނާ ވަރަށް ރީތި ކަމަށާއި ކުރީގެ ސިފަ ނުގެއްލޭ ކަމަށެވެ. އަދި ހާޓް އީމޯޖީތައް ވެސް ވަރަށް ގިނަ މީހުން ދިފައި ވެއެވެ.

މަންދާކިނީގެ ކެރިއަރުގެ އެންމެ ރަން ދުވަސްތަކުގައި އޭނާއަށް އިންޑިއާގެ އަންޑަވޯލްޑް ޑޯން ދާއޫދު އިބްރާހީމާ ބައްދަލުވެ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނު ކަމުގެ ހަބަރުތައް އެ ދުވަސްވަރު އެ ގައުމުގެ މިޑިއާތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް އޭރު މަންދާކިނީ އެ ވާހަކަތައް ދޮގު ކޮށްފައި ވެއެވެ. އޭނާ ބުނީ ދާއޫދު އަކީ ރައްޓެއްސެއް ކަމަށާއި އިތުރު އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ.

ކޮންމެއަކަސް އެ ދުވަސްވަރު މަންދާކިނީ ކުއްލިއަކަށް ފިލްމު ކުޅުން ހުއްޓާލައި ވީނުވީ ތަނެއް ނޭނގި ގެއްލުނީ އެވެ. އޭގެ ފަހުން މަންދާކިނީގެ ޚަބަރެއްވީ 1990 ގައެވެ. އެ ފަހަރު އިވުނީ ބުޑިސްޓް މޮންކް އަކާ ކައިވެނި ކުރި ޚަބަރެވެ. މި ކައިވެންޏަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް މިހާރު ލިބިފައި ވެއެވެ.

މަންދާކިނީ، 57، ގެ އަސްލު ނަމަކީ ޔާސްމީން ޔޯސެފް އެވެ. ޔާސްމީނުގެ ނަމުގައި ފިލްމީ ކެރިއަރެއް ފަށަން އޭނާ ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް މަންދާކިނީ އަށް އޭނާގެ ނަން ބަދަލުކުރީ "މަޒްލޫމް" ގެ ޑައިރެކްޓަރު ރަންޖީތު ވިރްކް އެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް ނުފެށެނީސް ރާޖް ކަޕޫރަށް އޭނާ ފެނިގެން "ރާމް ތޭރީ ގަންގާ މޭލީ" ގެ ބަތަލާއަކަށް ހަމަޖެއްސީ އެވެ. އޭރު މަންދާކިނީގެ އުމުރުން 22 އަހަރެވެ.

މަންދާކިނީ އެންމެ ފަހުން ކުޅުނީ 1996 ގައި ރިލީޒްކުރި 'ޒޯރްދާރް" އެވެ.