މަނީލޯންޑްރިންގެ ތުހުމަތުގައި މިހާރު އިންޑިއާގައި ހައްޔަރުކޮށްގެން އުޅޭ ސުކޭޝް ޗަންދުރަޝޭކަރް ދިން އަގުބޮޑު ހަދިޔާތަކެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑިޒްއާ ދިއްލީ ފުލުހުން ސުވާލުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު ވެސް އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އަށް ގަޑިއިރެއްހާއިރު ސުވާލުކޮށްފައި ވެއެވެ.
ދިއްލީ ފުލުހުންގެ ދަ އިކޮނޮމިކް އޮފެންސަސް ވިންގް (އީއޯޑަބްލިޔު) ޓީމަކުން ބުދަ ދުވަހު އެކަނިވެސް 100 އަށް ވުރެ ގިނަ ސުވާލު ޖެކްލީންއާ ކުރިކަމަށް ވެއެވެ. އަދި އޭނާގެ ސްޓޭޓްމަންޓް ވެސް ރެކޯޑް ކޮށްފައި ވެއެވެ.
ދިއްލީ ފުލުހުން ޖެކްލީންއާ ސުވާލުތައް ކުރީ އޭނާގެ ކުރިމަތީގައި ޕިންކީ އިރާނީ ނަމަކަށް ކިޔާ އަންހެނަކު ބައިންދައިގެންނެވެ. ޕިންކީ އަކީ ސުދޭޝްގެ ވަރަށް ގާތް މީހެކެވެ. އޭނާ ހިންގާ ހުރިހާ ޖަރީމާތަކެއްގެ ބައިވެރިއެކެވެ. ޖެކްލީން އަށް ސުކޭޝް ތައާރަފްކޮށްދީ އެމީހުންގެ ގުޅުން ބަދަހިކޮށްދިނީ ޕިންކީ އެވެ.
ސުދޭޝް ޖަލަށް ލީ ފަހުން ވެސް އޭނާ ޕިންކީއާ ފޯނުން ވާހަކަ ދައްކަ އެވެ. އަދި ސުދޭޝް އެދިގެން އަގުބޮޑު ސެންޓާއި ދަބަސް ފަދަ ތަކެތި ޖެކްލީން އަށް ޕިންކީ ގަނެދީފައި ވެއެވެ.
ޖެކްލީން އާއި ސުދޭޝް ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ދެ މީހުންގެ މެދުގައި މައްސަލައެއް ޖެހި ޖެކްލީން ރުޅިއައުމުން އެ ދެމެދުގައި އަލުން ސުލްހަ ގާއިމްކޮށްދޭ މަތިން 10 ކްރޯޑު ރުޕީސް ސުކޭޝް ވަނީ ޕިންކީ އަށް ދީފަ އެވެ.
ޖެކްލީންގެ ލޯބިވެރިޔާ ސުކޭސް އަކީ ބެންގަލޫރޫގެ ރައްޔިތެކެވެ. ތިރީހުގެ އަހަރުތައް ގުނަމުންދާ ސުކޭޝް މީހުންނަށް އޮޅުވާލައި މަކަރު ހަދައިގެން އެމީހުން އަތުން ފައިސާ ހޯދަން ފެށީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެންމެ ކުރިން ކުދިކުދި ކުށްތަކަށް އަރައިގަންނަމުން ގޮސް ބޮޑެތި ކުށްތަކަށް އޭނާ ވަނީ އަރައިގެންފަ އެވެ. އަދި މިފަދަ ކުށްތައް ކޮށްގެން ބޮޑު މުއްސަންޖަކަށް ވެސް ވަނީ ވެފަ އެވެ.
މިހާރު ސުކޭޝް ހުރީ ތިހާރް ޖަލެއްގައި ނަމަވެސް ޖަލުގައި ހުރެގެން ވެސް އޭނާގެ ގޭންގްގެ މީހުން ފޮނުވައިގެން މީހުންނަށް ބިރުދައްކައި ރަހީނުކޮށް ފައިސާ ފޭރުމުގެ މަސައްކަތްތައް ހިންގާ ކަމަށް ވެއެވެ. އެގޮތުން މިހާތަނަށް 200 ކްރޯޑު ސުކޭޝް ހޯދާފައިވެ އެވެ.
ސުކޭޝްއާ ލޯބީގެ ގޮތުން ގުޅުނުއިރު އޭނާއަކީ ގޯސް މީހެއްކަން ނޭނގޭ ކަމަށް ދިއްލީ ފުލުހުން ކައިރީ ޖެކްލީން ބުނެފައި ވެއެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ޖެކްލީން ހަދާ ދޮގެއް ކަމަށް ދިއްލީ ފުލުހުންނަށް ޔަގީންވެ އެވެ.
ސުކޭސް ހަދިޔާއަށްދޭ އެތައް ކްރޯޑެއްގެ އަގުހުރި ކާރުތަކާއި ރަނާއި އަލިމަސް ފަދަ ތަކެއްޗަކީ އެއީ މަކަރާއި ހީލަތުން އަދި އޮޅުވާލުމާއި ބިރުދެއްކުމުން ހޯދާފައިވާ ތަކެތި ކަން އެނގިހުރެ ޖެކްލީން އެ ތަކެތި ބޭނުން ކުރަމުން ދިޔަ ކަމަށް ވެއެވެ.
ޖެކްލީން ނޫނަސް ބޮލީވުޑް ބަތަލާ ނޯރާ ފަތޭހީ އަށް ވެސް ސުކޭޝް ވަނީ ކާރު ފަދަ އަގުބޮޑު ހަދިޔާތައް ދީފަ އެވެ. އަދި މި މައްސަލައިގައި ދިއްލީ ފުލުހުން ނޯރާ އަށް ވެސް ސުވާލު ކޮށްފައި ވެއެވެ.
ބުދަ ދުވަހު ޖެކްލީން ޕޮލިހަށް ހާޒިރުވެފައި މިވަނީ އޭގެ ކުރިން ތިން ފަހަރަކު ހާޒިރުވާން އަންގައި އެކިއެކި ބަހަނާތައް ދައްކައިގެން ހާޒިރު ނުވެ ހުރުމަށްފަހު އެވެ.
ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖެކްލީން އަށް ކޮށްފައިވާ ތުހުމަތުތަކުން އޭނާއަށް ބަރީއަ ނުވެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ޖެކްލީންގެ ބޮލީވުޑް ކެރިއަރު ވެސް ފުނޑުފުނޑުވެ ޖަލަށް ވެސް ދާން ޖެހިދާނެ ކަމަށް ބައެއް ނޫސްތަކުން ވަނީ ލަފާކޮށްފަ އެވެ.
ސުކޭޝްއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް މި މައްސަލަ ފުރަތަމަ ފެންމަތިވީ ދުވަސްވަރު ޖެކްލީން ބުނަމުން ދިޔަ އެވެ. ޖެކްލީން މި ގުޅުމަށް އިންކާރު ކުރަން ފެށުމުން އޭނާ އާއި ސުކޭޝްގެ ގައިގޯޅި މަންޒަރުތައް ފެންނަ ވީޑީއޯތަކާއި ފޮޓޯތައް ސޯޝަލް މީޑީއާގައި ލީކު ވުމުން އޭނާއަށް އިތުރަށް މިކަމަށް އިންކާރު ކުރަން ނުކެރުނީ އެވެ.