ޖެކްލީން ފެނާންޑިސް އާ ދެކޮޅަށް ނޯރާ ފަތޭހީ އަބުރުގެ ދައުވާ ކޮށްފި އެވެ. ނޯރާ ބުނަނީ ޖެކްލީން އޭނާ އޭ ކިޔައިގެން ދޮގު ވާހަކަތައް ފަތުރައި އޭނާގެ އަބުރު ކަތިލައި ކެރިއަރު ފުނޑާލަން މަސައްކަތްކުރާ ކަމަށެވެ.
މި ދެ ބަތަލާއިންނަކީ ވެސް ބޮލީވުޑްގައި މަސައްކަތްކުރާ ދެ ބަތަލާއިންނަށް ވެފައި ދެ ތަރިންގެ ބެކްގްރައުންޑް ވެސް ވަރަށް އެއްގޮތެވެ. ދެ އެކްޓަރުންނަކީ ވެސް އިންޑިޔާ ރައްޔިތުންނެއް ނޫނެވެ. ނޯރާ އަކީ މޮރޮކޯ ދަރިކޮޅުގެ މީހެކެވެ. ޖެކްލީން އަކީ ސްރީ ލަންކާ ރައްޔިތެކެވެ.
ނޯރާ ބުނަނީ ޖެކްލީން އުޅެނީ އޭނާއަށް ވުރެ ނޯރާ ކުރި އަރާތީ އެކަން ހުއްޓުވަން ކަމަށެވެ. އަދި އޭނާ އޭ ކިޔައިގެން ފުލުހުންނަށް ދޮގު ބަޔާން ޖެކްލީން ދީފައިވާ ކަމަށް ނޯރާ ބުނެ އެވެ. އެއީ ޕްރޮފެޝަނަލް ގޮތުންނާއި ސޯޝަލް ގޮތުން އަދި ޒާތީ ގޮތުން އޭނާގެ ދުވަސް ދުއްވާލަން ޖެކްލީން ކޮށްފައިވާ ކަމެއް ކަމަށް ވެސް ނޯރާ ތުހުމަތު ކުރެއެވެ.
ނޯރާ ގަބޫލުކުރާ ގޮތުގައި އާޓިސްޓެއްގެ ކާމިޔާބު ބަރޯސާ ވެފައި އޮންނާނީ އޭނާގެ އަބުރުގެ މައްޗަށެވެ. އަބުރު ގެއްލުވާލައިފިނަމަ އެއްވެސް މީހަކަށް އެ އާޓިސްޓަކަށް ގަދަރެއް ނުކުރާނެއެވެ.
ފުލުހުންނަށް ނޯރާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ޖެކްލީން އޭނާގެ ނަން ބޭނުންކޮށްގެން އުޅެނީ އޭނާ އެއްވެސް ވަރަކަށް އެކަމެއްގައި ޝާމިލު ނުވާ ކަމަކަށެވެ.
"ޖެކްލީން އަކީ ވެސް ބަތަލާއެއް. ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ދަންނަ މީހެއް. ސުކޭޝް ޗަންދްރަޝޭކަރް ކިޔާ މީހެއްގެ 200 ކްރޯޑު މަނީ ލޯންޑްރިންގައި ޖެކްލީން ވެސް ބައިވެރިވާކަމަށް އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރޭ. އެހެންވެ ޖެކްލީން މިހާރު އުޅެނީ އަހަރެން ވެސް އޭގައި ބައިވެރިވާކަމަށް ހަދައިގެން ދޮގު ބަޔާންދީގެން މަގޭ ކެރިއަރުގެ ދުވަސް ދުއްވާލަން،" ނޯރާ ހުށަހެޅި ޝަކުވާގައި ވެއެވެ.
ނޯރާ ބުނާ ގޮތުގައި ޖެކްލީން އޭނާ އޭ ކިޔައިގެން ދީފައިވާ ބަޔާނުގައިވާ ވާހަކަތަކަކީ މުޅިން ދޮގެވެ. އަދި ޖެކްލީން ދެއްކި ވާހަކަތައް ޚަބަރުގެ ގޮތުގައި ބައެއް ނޫސްތަކުން ފަތުރާފައިވާ ކަމަށް ވެސް ނޯރާ ބުނެ އެވެ.
އިންޑިޔާގެ އެންފޯސްމަންޓް ޑައިރެކްޓޮރޭޓް (އީޑީ) އިން މި ހިނގާ ޑީސެމްބަރު މަހުގެ ދެ ވަނަ ދުވަހު ނޯރާ އެ އިދާރާއަށް ހާޒިރުކޮށް ސުކޭޝްގެ 200 ކްރޯޑުގެ މަނީ ލޯންޑްރިން އާ ގުޅޭގޮތުން ސުވާލުކޮށްފައި ވެއެވެ.
އަދި މި ކޭސްގައި ހެކިންގެ ގޮތުގައި ޖެކްލީން އާއި ނޯރާގެ ބަޔާން ނަގާފައި ވެއެވެ. ސުކޭޝް މަނީ ލޯންޑާ ކޮށްގެން ހޯދާފައިވާ ފައިސާއިން 20 ކްރޯޑު ބޮލީވުޑްގެ ބަތަލާއިންނާއި މޮޑެލުންނަށް ހަރަދުކޮށްފައިވާ ކަމަށް އީޑީ އިން ތުހުމަތުކުރެ އެވެ. ބައެއް ބަތަލާއިންނާއި މޮޑެލުން ސުކޭޝް ދިން ފައިސާ އާއި ތަކެތި ބޭނުންކުރިއިރު އަނެއްބައި ފަންނާނުން ވަނީ ސުކޭޝް ދިން އެއްޗެތި ހިފަން އިންކާރުކޮށްފަ އެވެ.
ނޯރާ އާއި ޖެކްލީން ހިމެނެނީ ސުކޭޝް ދިން ފައިސާ އާއި އަގުބޮޑު ކާރު ފަދަ ތަކެތި ހިފި މީހުންގެ ތެރޭގަ އެވެ.