ބެންގާލީ ފިލްމުތައް ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ ބަތަލާއެއް ކަމަށްވާ ރޫޕާ ދައްތާ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރީ ކޮލްކަތާގައި އޮތް ބުކް ފެއާއެއްގެ ތެރޭގައި މީހެއްގެ ޖީބުކެނޑިކަމުގެ ތުހުމަތުގަ އެވެ. އަދި މި ކުށަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ރޫޕާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބޮލީވުޑް ފިލްމު ޑައިރެކްޓަރު އަނުރާގް ކަޝޭޕް އޭނާ އަށް ޖިންސީ ގޯނާކުރިޔޭ ކިޔައިގެން ވެސް ދޮގު ވާޙަކަތަކެއް ދައްކާފަ އެވެ. އަދި މިއީ އޭނާ ހަދައިގެން ދެއްކި ވާހަކައެއްކަން ފަހުން ވަނީ ސާބިތުވެފަ އެވެ.
ރޫޕާ އެކި ތަންތަނުން ކޮށްފައިވާ ވައްކަންތަކުގެ ރެކޯޑްތައް ލިޔެފައިވާ ޑައިރީއެއް ވެސް ފުލުހުން މިހާރު ވަނީ ހޯދާފަ އެވެ.
ރޫޕާ ހައްޔަރުކޮށް ފާސްކުރިއިރު އޭނާގެ ދަބަހުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ވެއެވެ. އަދި އެއީ މީހުން ފުރިބާރުވެފައި އޮތް ބުކް ފެއާ އިން އޭނާ މީހެއްގެ ޖީބު ކަނޑައިގެން ނެގި ފައިސާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ބުކް ފެއާ ތެރޭގައި ރޫޕާ ހުއްޓާ އޭނާ ހައްޔަރުކުރަން ފުލުހުން އުޅޭކަން ޝައްކުވުމުން ރޫޕާ ވަނީ އޭނާ ގެންގުޅުނު އަތްދަބަސް އެތަނުގައި ހުރި ޑަސްޓްބިން އަކަށް އެއްލާލާފަ އެވެ.
"އަންހެންމީހާ (ރޫޕާ) ހައްޔަރުކުރީ އެހެން މީހުންގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލައިގެން އެމީހުންގެ އަތުން ވައްކަން ކުރުމުގެ ކުށުގައި. މިހާރު މި މައްސަލަ ތަހުގީގުކުރަން ފަށައިފިން. އަދި މިކަމުގައި އަންހެންމީހާ އާ އިތުރު ބަޔަކު ބައިވެރިވޭތޯ ވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރޫޕާ ހައްޔަރުކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުގައި ރޫޕާ ބުނީ އޭނާ ގެންގުޅުނު ފިނި ބުއިމެއް އަޅާފައިވާ ފުޅިއެއް ޑަސްޓްބިނަށް އެއްލާލަނިކޮށް އޭގެ ތެރޭގައި އޮތް ދަބަހެއް ފެނިގެން އެ ނެގިތަނާ ފުލުހުން އައިސް އޭނާ ހައްޔަރުކުރީ ކަމަށެވެ.
ކަފާލާތުގެ ދަށުން ރޫޕާ މިނިވަންވާން މަސައްކަތް ކުރިޔަސް ކޯޓުން އޭނާގެ ކަފާލާތު ގަބޫލެއް ނުކުރި އެވެ. މިވަގުތު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ބެންގާލީ ސީރިޒްތަކާއި ފިލްމުތަކުގެ އިތުރުން ބޮލީވުޑް ސީރީޒް އެއްގައި ވެސް ރޫޕާ މަސައްކަތް ކޮށްފައި ވެއެވެ.