ލައިފްސްޓައިލް

މީހެއްގެ ކިޑްނީ ނެގުމަށްފަހު އަނބުރާ އޭނާގެ ހަށިގަނޑަށް

އަބޫދާބީގެ ކްލީވްލޭންޑް ކްލިނިކުގެ ސާޖަނުން ވަރަށް ތަފާތު ޓްރާންސްޕްލާންޓެއް ހަދައިފި އެވެ. ޔޫއޭއީގެ އުމުރުން ދުވަސްވީ މީހެއްގެ ހެދި މި ޓްރާންސްޕްލާންޓްގައި ޑޮކްޓަރުން ވަނީ އެމީހާގެ ކިޑްނީ ނަގައި އޭގައި އިން ބޮޑު ޓިއުމަރެއް އެއްފަރާތް ކުރުމަށް ފަހު އެ ކިޑްނީ އަނެއްކާވެސް އެމީހާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކޮށްފަ އެވެ.

އަލީ ޝަމްސީ އަކީ އަލް އައިނުގައި ދިރިއުޅޭ މީހެކެވެ. އޭނާ އުފަންވީ އެއް ކިޑްނީ އާއެކުގަ އެވެ. އޭނާގެ އިން ހަމައެކަނި ކިޑްނީއަށް ކެންސަރު ޖެހި އޭގެ އެއްބައި ނަގަން ޖެހުނެވެ. އޭރު އޭނާގެ އުމުރު އުޅެނީ 60 ގެ އަހަރު ތަކުގަ އެވެ.

މި ސާޖަރީ އަށްފަހު ޝަމްސީ މުޅިން ރަނގަޅު ވެގެން އެތައް އަހަރަކު ދިރިއުޅުމަށް ފަހު ދާދިފަހުން އަނެއްކާވެސް ކްލީވްލޭންޑް ކްލިނިކަށް ދިޔަ އެވެ. މިފަހަރު ދިޔައީ ސިނގިރޭޓް ބުއިން ހުއްޓާ ނުލެވިގެންނާއި ސިނގިރޭޓް ބުއިމުން މޭގައި ރިއްސާތީ އެ މައްސަލަ ހައްލު ކުރާށެވެ.

އެ ހޮސްޕިޓަލުން ކުރިޔަށް ގެންދާ ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވެދޭ ޕްރޮގްރާމެއްގައި ޝަމްސީ ބައިވެރިވި އެވެ. މި ޕްރޮގްރާމުގައި ބައިވެރި ވެވެނީ އެމީހާގެ ސިއްހަތު މިހާރު ހުރި ގޮތް ދެނެގަންނަން ވަރަށް ގިނަ ޓެސްޓުތައް ހެދުމަށް ފަހުގައި ވާތީ އެ ހެދި ޓެސްޓްތަކުން ޝަމްސީގެ ކިޑްނީ ކެންސަރު އެނބުރި އައިސްފައި ވާކަން އެނގުނެވެ.

"އަހަރެންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނު. އަހަރެން ހޮސްޕިޓަލަށް އައީ ސިނގިރޭޓް ބުއިން ހުއްޓާ ނުލެވިގެން އެ ކަން ހުއްޓާލަން އެހީތެރިވެދޭ ޕްރޮގްރާމެއްގައި ބައިވެރިވާން. އައިތަނުން މި އެނގުނީ އަހަރެންގެ އިން ހަމައެކަނި ކިޑްނީއަށް އަނެއްކާ ވެސް ކެންސަރު ޖެހިފައިވާކަން. ހިތަށް އެރި ފަރުވާ ހޯދަން ޔޫއޭއީ އަށް ވުރެ ކުރިއަރާފައިވާ ގައުމަކަށް ދާން ވެސް. ނަމަވެސް މާތްﷲ އާ ވަކީލު ކޮށްލާފައި ކުރިން ވެސް ފަރުވާ ހޯދި ކްލިނިކުން ހަމަ އެ ޑޮކްޓަރުންގެ އެހީތެރިކަން ހޯދަން ނިންމީ،" ޝަމްސީ ބުންޏެވެ.

ދެން ޝަމްސީ އަށް ޖެހުނީ ކިޑްނީއަށް ކެންސަރުގެ އަސަރު ކޮށްފައިވާ މިންވަރު ބަލަން ޓެސްޓްތަކެއް ހަދާށެވެ. މި ޓެސްޓުތަކުން ކެންސަރު ނުފެތުރޭކަން ޑޮކްޓަރުންނަށް ޔަގީން ކުރެވުނެވެ. ނަމަވެސް ޓިއުމަރު އިނީ ކިޑްނީގެ އެންމެ އަޑީގައި ކަމަށް ވުމުން އެކަމާ ޑޮކްޓަރުން ވަރަށް ކަންބޮޑުވި އެވެ.

ކިޑްނީގެ އެންމެ ފުލުގައި ޓިއުމަރު އިނުމުން ކިޑްނީ ނުނަގައި އެ ޓިއުމަރު ނެގޭނެ ގޮތެއް ޑޮކްޓަރުންނަކަށް ނެތެވެ.

"ޝަމްސީ އަކީ އެއް ކިޑްނީ އާއެކު އުފަންވެފައިވާ މީހަކަށް ވެފައި ޓިއުމަރު އިނީ ވަރަށް ފުނުގައި ރީނަލް ނާވްގެ މަތީގައި ކަމަށް ވުމުން އަހަރެމެންނަކަށް މާ ގިނަ ކަންތައްތަކެއް އެއަކަށް ކުރެވޭނެ ގޮތެއް ނުފެނުނު. އެ އިން ގޮތަށް އިންދާ އާދައިގެ ގޮތަކަށް ކިޑްނީ ނަގައިފިނަމަ ކިޑްނީ ހަދިޔާ ކުރާނެ މީހަކު ލިބެންދެން އޭނާއަށް އެތައް އަހަރަކު ޑައިލެސިސް ހަދަން ޖެހިދާނެ. އަދި މިކަމުގައި ވެސް ވަރަށް ނުރައްކާތެރި ކަންކަން އެކުލެވޭ،" ޝަމްސީ އަށް ފަރުވާ ކުރާ އޮންކޮލޮޖިސްޓް ސާޖަން ޑރ. ވަލީދު ހަސަން ވިދާޅުވި އެވެ.

އެހެންވެ ޑޮކްޓަރުންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ޝަމްސީގެ ކިޑްނީ ނަގައި ބޭރުގައި ބާއްވައިގެން އޭގައިވާ ޓިއުމަރު ނެގުމަށްފަހު ކިޑްނީ އަލުން މަރާމާތުކޮށް އޭނާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކުރުން ކަމަށް ޑރ. ވަލީދު ވިދާޅުވި އެވެ.

އެގާރަ ގަޑިއިރުގެ މި ސާޖަރީއަށް ކިޔަނީ ރީނަލް ބެންޗް ރިކޮންސްޓްރަކްޝަން އެވެ. މި ސާޖަރީއަށް ވަރަށް ހުނަރުވެރި ގާބިލު އޮޕަރޭޝަން ޑޮކްޓަރުންގެ ތިން މީހުންގެ ޓީމެއް ބޭނުންވި އެވެ. އެއީ ޓްރާންސްޕްލާންޓް ކުރުމަށާއި މައިކްރޯސާޖަރީ އަދި ސާޖިކަލް އޮންކޮލޮޖީ އަށެވެ.

ޓިއުމަރު އިނީ ކިޑްނީގެ އެންމެ ފުނުގައި ކަމުން ހަށިގަނޑުގައި ކިޑްނީ ބައިންދައިންގެ ރައްކާތެރިކަމާއެކު ޓިއުމާ ހަމައަށް ވާސިލު ވެވޭނެ ގޮތެއް ނެތުމުން އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ޓްރާންސްޕްލާންޓް ސާޖަން ވަނީ ޝަމްސީގެ ކިޑްނީ އޭނާގެ ހަށިގަނޑާ ވަކިކޮށްލާފަ އެވެ. ކިޑްނީ ހަދިޔާކުރާ މީހެއްގެ ހަށިގަނޑުން ކިޑްނީ ވަކިކޮށްލާ ގޮތަށެވެ.

ވަކި ފާޑެއްގެ ސޮލިއުޝަނެއްގެ ތެރޭގައި ކިޑްނީ ބާއްވައިގެން ޓިއުމަރު ނެގުމުގެ މަސައްކަތް ޑޮކްޓަރުން ވަރަށް ފަރުވާތެރިކަމާއެކު ދެން ކުރި އެވެ. އަދި މުޅިން ޓިއުމަރު ނެގިއްޖެކަން ޔަގީންވުމުން ޓިއުމަރު ނަގައިގެން ކިޑްނީން ހަލާކުވި ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ފެށި އެވެ. އެ މަސައްކަތް ނިމުމުން ދެން އޮތީ ޝަމްސީގެ ހަށިގަނޑުގައި އަލުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތެވެ.

ޑރ. ވަލީދު ވިދާޅުވީ މިކަމަށް ނަގާފައިވާ ޓީމުގައި ތިބީ ވަރަށް ކުޅަދާނަ ސާޖަނުންނެވެ. އެމީހުންނަކީ މިރޮނގުން ތަޖުރިބާހުރި ހުނަރުވެރި ބައެއް ކަމަށާއި މިފަދަ ސާޖަރީތަކުގައި ކޯޑިނޭޝަން އަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.

ޑރ. ވަލީދުގެ ނަޒަރުގައި މި ސާޖަރީ އެހާ މުހިއްމީ ޝަމްސީގެ ކިޑްނީ ސަލާމަތް ކުރެވުނީމަ އެވެ. މީގެ ފައިދާ އިންތިހާއަށް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ އޭނާއަށް ޑައިލެސިސް ހަދަން ނުޖެހުން. ދެ ވަނަ ކަމަކީ އެހެން މީހެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުން ހަށިގަނޑުން އެ ކިޑްނީ ރިޖެކްޓް ކޮށްފާނެކަމަށް އޮންނަ ބިރު ޝަމްސީގެ ކޭސްގައި ނެތުން. އަދި ކިޑްނީ ރިޖެކްޓް ކޮށްފާނެތީ ޓްރާންސްޕްލާންޓްކުރާ މީހުން މުޅި އުމުރަށް ކާން ޖެހޭ އިމިއުނޯސަޕްރެސެންޓްސް ޝަމްސީ އަށް ކާން ނުޖެހުން. އަދި ތިން ވަނަ ކަމަކީ އޭނާގެ ކިޑްނީން ކެންސަރު މުޅިން ފިލުވާލެވުން،" ޑރ. ވަލީދު ވިދާޅުވި އެވެ.

މި ޓްރާންސްޕްލާންޓަށް ފަހު ތިން ހަފުތާ ހޮސްޕިޓަލުގައި އޮތުމަށްފަހު ޝަމްސީ ގެއަށް އެނބުރި ދިޔަ ނަމަވެސް ކިޑްނީ މުޅިން ފަސޭހަ ވަންދެން ޑައެލިސިސް ހަދަން ޝަމްސީ އަށް ޖެހުނެވެ. ނަމަވެސް މިހާރު އޭނާ ޑައެލިސިސް ވެސް ހަދާކަށް ނުޖެހެ އެވެ.

"އަހަރެން މުޅިން ފަސޭހަ ވެއްޖެ ކަމަށާއި ދެން އިތުރަށް ޑައެލިސިސް ވެސް ހަދަންނުޖެހޭނެ ކަމަށް ޑޮކްޓަރުން ބުނުމުން އަހަރެންނަށް އުފަލުން ގޮސް އުދުއްސައި ގަނެވުނު ކަހަލަ އިހްސާސެއް ކުރެވުނު،" ޝަމްސީ ބުންޏެވެ.