ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

43 ފަހަރު ކޮވިޑަށް ޕޮޒިޓިވްވެ 7 ފަހަރު އެޑްމިޓްކުރި މީހެއް

އިނގިރޭސި ވިލާތުގެ 72 އަހަރުގެ މީހަކު ކޮވިޑް ޕޮޒިޓިވް ވިތާ 10 މަސް ދުވަސް ވެއްޖެ އެވެ. މި 10 މަސް ދުވަހުގެ ތެރޭގައި އޭނާގެ ކޮވިޑް-19 އިގެ ނަތީޖާ އަބަދު ވެސް ދައްކާފައި ވަނީ ޕޮޒިޓިވް ކަމަށެވެ. އެހެންވެ މި މީހާ ވެފައިވަނީ މިހާތަނަށް އެންމެ ގިނަ ދުވަހު ކޮވިޑް-19 ޖެހި ފަސޭހަ ނުވެ ހުރި މީހާއަށް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ޑޭވް ސްމިތަކީ ދެކުނު އިންގްލެންޑްގެ ބްރިސްޓޯލްގައި ޑްރައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު މިހާރު ރިޓަޔަ ވެފައި ހުރި މީހެކެވެ. އޭނާ މިހާތަނަށް 43 ފަހަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އަދި މީގެ ތެރެއިން ހަތް ފަހަރަކު ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ. ބައެއް ފަހަރު މާ ހާލު ބޮޑުވެގެން ޑޭވް އަށް އޭނާ ދެން ދުނިޔޭގައި ނުހުންނާނެ ކަމަށް ގަބޫލު ކުރެވިގެން ޖަނާޒާގެ އިންތިޒާމް ވެސް އަމިއްލައަށް ކޮށްފައި ވެއެވެ.

"އަހަރެން ދެން މި ބަލިން ފަސޭހަ ނުވާނެކަމަށް އަމިއްލައަށް ގަބޫލުކޮށް އާއިލާގެ މީހުންނާ ވެސް ގުޅައި އެންމެންގެ ކިބައިން ހިތް ހެޔޮކުރަން އެދި ވަކިވުމުގެ ސަލާން ކުރިން،" ބީބީސީ ޓީވީއަށް ދިން އިންޓަވިއު އެއްގައި ޑޭވް ބުންޏެވެ.

ޑޭވް އާއެކު ގޭގައި ކަރަންޓީނު ވެގެން ހުރީ އޭނާގެ އަންހެނުން ލިންޑާ އެވެ. ލިންޑާ ބުނީ ފާއިތުވީ އަހަރެއްހާ ދުވަހަކީ އޭނާގެ ހަޔާތަށް ކުރިމަތިވި އެންމެ ހިތްދަތި އެންމެ ބިރުވެރި ދުވަސްތައް ކަމަށާއި ފިރިމީހާގެ ފުރާނަ ދެންމެ ދެންމެ އެ ދަނީއޭ ހީވި ކިތަންމެ ފަހަރެއް އޭނާއަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

ބްރިސްޓަލް ޔުނިވަސިޓީގެ ކޮންސަލްޓަންޓް އިން އިންފެކްޝަސް ޑިޒީޒަސް އެޑް މޯރާން ވިދާޅުވީ ޑޭވް އަށް ބަލި ޖެހިގެން ފާއިތުވީ 10 މަސް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި އަބަދުވެސް އެކްޓިވް ވައިރަސް ހުރި ކަމަށެވެ.

"އަހަރެމެންނަށް އެކަން ސާބިތުކޮށްދެވެން އެބައޮތް. އަހަރެމެންގެ ޔުނިވަސިޓީ ޕާޓްނަރުން ބޭނުންނަމަ އެމީހުންގެ ތަހުލީލުތަކަށް ޑޭވްގެ ސާމްޕަލްތައް އަހަރެމެން ފޮނުވައިވެސް ދީފާނަން. ޑޭވްގެ ހަށިގަނޑުގައި ހުރީ ވައިރަސްގެ ކުނިބުނި ހުރެގެންނެއް ނޫން އޭނާގެ ޓެސްޓް އަބަދު ޕޮޒިޓިވް ވަނީކީ. ހަމަ އެކްޓިވް ވައިރަސް ހުރެގެން،" އޭނާއަށް ފަރުވާދިން ޑޮކްޓަރު ވިދާޅުވި އެވެ.

ދިހަ މަސް ފަހުން ސްމިތު މުޅިން ފަސޭހަވީ އެމެރިކާގެ ބައޮޓެކް ފާމް ރެޖެނެރޮންއިން ފަރުމާކުރި ސިންތެޓިކް އެންޓިބޮޑީޒްގެ ކޮކްޓެއިލް އެއް ދީގެންނެވެ. މިއީ ޑޭވްގެ ކޭސް ކަހަލަ ވަރަށް ޚާއްސަ ހާލަތެއްގައި އެނޫން ގޮތެއް ނެތިގެން ދިން ފަރުވާއެކެވެ. އަދި މިއީ އިނގިރޭސި ވިލާތުގައި ބޭނުންކުރަން އަދި ހުއްދަ ދީފައިވާ ފަރުވާއެއް ނޫނެވެ.

ބީބީސީ އިންޓަވިއުގައި ޑޭވް ބުނީ އޭނާއަށް އަލުން އާ ހަޔާތެއް ލިބުމުގެ އިހްސާސް ކުރެވެ އެވެ. ސަބަބަކީ އޭނާގެ ކޮވިޑް ޓެސްޓްގެ ނަތީޖާ ނެގެޓިވްވީ ބަރާބަރު 305 ދުވަހު އެ ބަލީގެ ވޭންތައް ތަހައްމަލު ކުރުމަށް ފަހުގައި ކަމަށް ވާތީ އެވެ.
ޑޭވް އަށް ދިން ފަރުވާއަކީ އޮފިޝަލް މެޑިކަލް ޓްރަޔަލް އެއްގެ ބަޔެއް ނޫނެވެ. ނަމަވެސް ބްރިސްޓަލް ޔުނިވަސިޓީގެ ސައިންސްވެރިން މި ކޭސް ވަރަށް ރަނގަޅަށް ދިރާސާކުރަމުން އެބަ ގެންދެ އެވެ.

ޑޭވްގެ ކޭސް އާ ގުޅޭ ދިރާސާ ކަރުދާހެއް ޖުލައި މަހު އޮންނަ ޔޫރަޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޮބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް އަށް ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ. ސަބަބަކީ މިއީ މިހާތަނަށް އެންމެ ގިނަ ދުވަހު މީހެއްގެ ހަށިގަނޑުގައި އިންފެކްޝަސް ޑިޒީޒެއް ހުރި ކަމަށް ރެކޯޑް ކުރެވުނު ކޭސް އަށް ވާތީ އެވެ. ކުރިން މިހާ ދިގު މުއްދަތެއްގައި އެއްވެސް މީހެއްގެ ހަށިގަނޑުގައި އިންފެކްޝަސް ޑިޒިޒެއް ހުރި ކަމަކަށް ލިޓްރޭޗާގައި ރެކޯޑް ކުރެވިފައި ނެތެވެ.

ވައިރަސް ފިލާ އިނީ ޑޭވްގެ ހަށިގަނޑުގެ ކޮން ތަނެއްގައި ހެއްޔެވެ؟ އަބަދު އަބަދު ބަލި ޖައްސަ ޖައްސާ އެ ވައިރަހަށް ހަށިގަނޑު ސަލާމަތުން އިނދެވުނީ ކިހިނެއް ހެއްޔެވެ؟ މިއީ ސައިންސްވެރިންނަށް އަދި ޖަވާބު ހޯދިފައި ނެތް ސުވާލު ތަކެކެވެ.
ޑޭވް އަކީ ފުއްޕާމޭގެ ބައްޔަކަށް ކުރިން ފަރުވާ ހޯދާފައިވާ މީހެކެވެ. އަދި އޭގެ ފަހުން އޭނާއަށް ލިއުކީމިއާ ނުވަތަ ލޭގެ ކެންސަރު ޖެހި އެ ބަލިން ވެސް ވަނީ މުޅިން ފަސޭހަ ވެފަ އެވެ. މިދިޔަ އަހަރުގެ މާޗުމަހު އޭނާއަށް ކޮވިޑް-19 ޖެހުނީ ލޭގެ ކެންސަރުން މުޅިން ފަސޭހަވިތާ އެހާ ގިނަ ދުވަސް ތަކެއް ނުވަނީހެވެ.