ދުނިޔެ

އިނގިރޭސި މަނަވަރު ކަޅުކަނޑުގައި ގޯހެއްނުހަދާ: ބޮރިސް ޖޯންސަން

އިނގިރޭސި ރޯޔަލް ނޭވީގެ މަނަވަރު ކަޅުކަނޑުގައި ގޯހެއް ނުހަދާ ކަމަށާއި ޔުކްރޭން ކައިރިން ދަތުރުކޮށް ދިއައީ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މިނިސްޓްރީ އޮފް ޑިފެންސްއިން އޮޅުންފިލުވައި ދޭން ޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނަށް ފެނިވަޑަައިގަންނަވާ ގޮތުން އެކަމުގައި ގޯހެއް ނެތް ކަމަށެވެ.

އިނގިރޭސި ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަޅުކަނޑަށް ދަތުރުކޮށް ރަޝިއާގެ އިމަށް ވަދެގަތް މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރަޝިއާއިން ބުނާ ގޮތުން ރަޝިއާގެ ބޮންއަޅާ ބޯޓުތަކުން އިންޒާރު ދިން އިރުވެސް މަނަވަރު އޮތީ ރަޝިއާ ކަނޑުގަ އެވެ.

"ބައިނަލްއަގުވާމީ ކަނޑުގައި އުޅަނދެއް ދަތުރު ކުރުން މައްސަލައެއް ކަމަކަށް ނުދެކެން،" ބޮރިސް ޖޯންސަން ވިދާޅުވި އެވެ. "ދެން އޮތް ވާހަކައަކީ ކްރައިމިއާއަކީ ރަޝިއާގެ ބައެއް ކަމަށް އިނގިރޭސިވިލާތް ގަބޫލެއް ނުކުރޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ރަޝިއާއިން ކްރައިމިއާ ދަމައިގަނެގެއް އުޅޭއިރު އެހިސާބުން އިނގިރޭސި މަނަވަރެއް ދަތުރު ކުރުން މައްސަލައެއް ކަމަށް ދެކެން ޖެހޭ ސަބަބު އެނގި ވަޑައިނުގަންނަވާ ކަމަށެވެ.

ބޮރިސް ޖޯންސަން އެހެން ވިދާޅުވި ނަމަވެސް ރަޝިއިން ވަނީ އިނގިރޭސި މަނަވަރު ކަޅުކަނޑުގައި ހަރަކަތްތެރިވި ގޮތް ވީޑިއޯއިންނާއި ސެޓެލައިޓް ކޯޑިނޭޓުން ދައްކައި މީޑިއާތަކަށް ބަޔާންކޮށްފަ އެވެ.

ރަޝިއާގައި ހުންނަވާ އިނގިރޭސި ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ރަޝިއާއިން ވަނީ ނަސޭހަތްތެރިވެފަ އެވެ. ރިޔާސީ ގަނޑުވަރުން ދިމިތުރީ ޕެސްކޯފް ވިދާޅުވީ އިނގިރޭސި މަނަވަރަށް ކަޅުކަނޑަށް ވަދެވުނީ މަގު އޮޅިގެން ކަމަށް ވެދާނެ ކަަމަށާއި ދެން ފަހަރަކުން ރަޝިއާއިން ބޮމެއް ވައްޓާލާނީ ރަޝިއާގެ ސަރަހައްދަށް ކަމަށެވެ. އޭރުން ޖެހޭ އެއްޗެއްގައި ޖެހިދާނެ ކަމަށެވެ.