އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި އެވެ.
ބޮރިސް ޖޯންސަން ސައޫދީއަށް ވަޑައިގަތުމުގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާންއާ ވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.
އިނގިރޭސި ބޮޑުވަޒީރު ޔޫއޭއީއަށާއި ސައޫދީއަށް ވަޑައިގެން އުޅުއްވަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކުގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނަށް އެއްބާރުލުން ހޯއްދެވުމަށެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައިގައި ސައޫދީ އަދި ޔޫއޭއީ ވެސް ވަކި ކޮޅަކަށް ބުރައެއް ނުވެ އެވެ. އެހެންނަމަވެސް އެ ދެގައުމުގައި ވެސް އޮތީ ރަޝިއާއަށް ގާތްކޮށް ހިތުމުގެ ވިސްނުމެވެ.
އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް އަޅާފައި އޮތް ދަތިކުރުން ތަކުގައި، ރަޝިއާގެ ތެޔޮ ބޭނުން ނުކުރާ ގޮތަށް އެެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ނިންމާފަ އެެވެ.
ބޮރިސް ޖޯންސަން ސައޫދީއަށާއި ޔޫއޭއިއަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި، ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ އަދަދު އިތުރުކޮށް ދެއްވުމަށް ސައޫދީ އާއި ޔޫއޭއީގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައި ބޮރިސް ޖޯންސަން ދެއްކެވި ވާހަކަތަކުގައި ޔުކްރޭނަށް އަލިއަޅުއްވާ ލެއްވެވި އެވެ. އަދި އިނގިރޭސި ވިލާތާއި ސައޫދީއާ ދެމެދު، ހަކަތަ އާއި އަސްކަރީ ގުޅުން ދެމެހެއްޓުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
ބޮރިސް ޖޯންސަން އެދިވަޑައިގަތުމުގެ މަތިން ސައުދީ އަދި ޔޫއޭއީން މާކެޓަށް ތެޔޮ ނެރޭ އަދަދު އިތުރުކޮށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ތެޔޮ އުފައްދާ ގައުމުތަކާއެކު މަޝްވަރާ ނުކޮށް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަކަށް ނުފެނެ އެވެ.
ސައޫދީއާ ޔޫއޭއީ ވެސް މިހާރު ގެންގުޅެނީ އެމެރިކާ އާއި އިނގިރޭސިވިލާތާ ތަންކޮޅެއް ދުރު ގުޅުމެކެވެ. އެއަށް ވުރެ ބޮޑަށް ސައޫދީއާ ޔޫއޭއީ ޗައިނާއާ ގުޅުން ގާތްކޮށް ބޮޑެތި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.