ދުނިޔެ

ސައޫދީ އަރަބިއްޔާއިން 410 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ޔުކްރޭނަށް

ސައޫދީ އަރަބިއްޔާއިން 410 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ޔުކްރޭނަށް ދިނުމަށް އެއްބަސްވެއްޖެ އެވެ.

މިއީ އޮކްޓޯބަރު 2022 ގައި ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޔުކްރޭންގެ ރައީސް މޮލޮދިމީރު ޒެލެންސްކީއަށް ފޯނުކުރައްވައި ވެވަޑައިގެންނެވި ވައުދެކެވެ.

ޔުކްރޭނަށް މި އެހީ ފޯރުކޮށްދެއްވުމަށް ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އެ ގައުމަށް ވަޑައިގެން ރައީސް ޒެލެންސްކީއާ ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި -- އިންސާނީ އެހީގެ ހަރަކާތްތައް ހަމަޖެހިފައި އޮތް ގޮތް ވަނީ އޮޅުންފިލުއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފައިސަލް ބިން ފަރުހާން ދެއްކެވި ވާހަކަތަކުގައި، ހަނގުރާމައިގެ ސަބަބުން ޔުކްރޭނަށް ލިބެމުންދާ އިގުތިސާދީ ގެއްލުންތަކަށް ސައޫދީން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ސައުދީ ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭނަށް ދެމެހެއްޓެނިވި ގޮތުގައި އެހީތެރިވުމާއި އިންވެސްޓްކުރުމާ މެދުވެސް ސައޫދީން ވިސްނާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަކީ ސައޫދީއަށް ވެސް އޮތް ކަންބޮޑުވުމެއް ކަމަށް ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މަސްލަހަތު އޮތް ގައުމުތަކާ އެކު މަޝްވަރާކުރައްވައި މަޝްރަހު ފިނިކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ.

ސައޫދީން ފޯރުކޮށްދިން އެހީ އަކީ ޔުކްރޭނަށް ވަރަށް މުހިއްމު އެއްޗެއް ކަމަށް ޔުކްރޭންގެ ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އަދި މި ފައިސާ ހޭދަކުރަން ވިސްނާފައި އޮތް ގޮތްތައް ވެސް ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ.