ދުނިޔެ

ކޮވިޑްގައި ބެލްޓް އެންޑް ރޯޑް މަޝްރޫއުއަށް މަޑުޖެހުމެއް ނާދޭ: ޗައިނާ

ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ވެގެން ދިއައިރު ވެސް ބެލްޓް އެންޑް ރޯޑް މަޝްރޫއުއަށް ހީނަރު ކަމެއް ނާންނަ ކަމަށާއި 2020 ގައި ވެސް މަޝްރޫއުތައް ހީނުކުރާހާ ކާމިޔާބު ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅު ވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ޗައިނާ އޮތީ ކޮވިޑްގެ ހާލަތަށް ވިސްނައިގެން ކަމަށާއި އިންވެސްޓްމަންޓްތައް ކަވަރު ކުރުމާމެދު އެކުވެރި ގައުމުތަކުން ވެސް ހާލަތު ބައްޓަންކުރީ ވަރަށް ހިކުމަތްތެރި ކަމާއެކު ކަމަށެވެ. މަޝްރޫއުތަކުން ގެއްލުން ނުދެއްކީ އެހެންވެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަންގް ޔީ ވިދާޅުވީ މަޝްރޫއުތައް ދެމެހެއްޓުމަށް ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވެވި ކަމަށާއި ބެލްޓް އެންޑް ރޯޑަށް ހާއްސަކޮށް ބޭއްވުނު ވާޗުއަލް ބައްދަލުމުންތައް ވަކިން ގިނަ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުން 1.35 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިކުރި ކަމަށާއި ކޮވީޑްގެ ހާލަތަށް ފަހު ވެސް ގައުމުތަކުގެ ހާލަތު ރަނގަޅުވަމުން އަންނައިރު މިކަމުން ފައިދާ ކުރާނެ ކަމަށެވެ.

ބެލްޓް އެންޑް ރޯޑް މަޝްރޫއު ފުޅާ ކުރުމަށް ޗައިނާއާ ރަޝިއާ އަދި ޕާކިސްތާނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ދުނިޔޭގައި ކޮވިޑް މަތަނުކުރެވި މަޝްރޫއުތައް ފަހަތަށް ޖައްސަން ޖެހިދާނެ ކަމަށް ލަފާކުރެވިފައި ވާތީ ރަޝިއާއާ ޗައިނާއިން މަޝްވަރާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.