ދިވެހި ސީމަނުން - ބޯޓު ދަތުރު ކުރާ މީހުން ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސް ނުޖެހި އަޅައި ހައްގުރައް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ސީމަނުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ސީމަނުންގެ ހުރި މައްސަލަތައް ހައްލު ކުރާށާއ އެމީހުންގެ ހައްގުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއި ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ދޭދޭ ގައުމުތަކުގައި ކުރާ ވިޔަފާރިއާއި އިގްތިސޯދީ މުއާމަލާތްތައް ބަރޯސާވެފައި ވަނީ ކަނޑުދަތުރުފަތުރުގެ މައްޗަށް ކަމަށެވެ. އެއްރަށުން އަނެއް ރަށަށް އަދި އެއްގައުމުން އަނެއް ގައުމަށް މުދާ އުފުލުން ނުހުއްޓި އޮތުމަކީ އިންސާނީ ތަރައްގީގައި ޒަރޫރީ ކަމެއް ކަމަށެވެ. އެ މުހިންމު މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރަނީ ފަހުލަވާނުން ތަކެއް ކަމަށެވެ.
ބައިނަލްއަގްވާމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ގުރުބާނީ އާއި ހިދުމަތުގެ އަގު ވަޒަންކޮށް އެކަށީގެންވާ އުޖޫރަ ހޯދައިދޭން ވަކާލާތު ކުރުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަންފީޒީ ބާރު ވަރުގަދަ ކުރަން ކަމަށެވެ.
"އަނބިދަރިންނާއި އާއިލާއާއި ދުރުގައި ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަކޮށް އުފުލާ ބުރައާއި ތަކުލީފަކީ އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ އިހުސާސު ނުކުރެވޭނެ ކަމެއް. ކޮވިޑްގެ ހާލަތުގައި ގައުމުތަކުން ދަތުރުފަތުކުރުން މަނާ ކުރި ނަމަވެސް ސީމަނުންނަށް އެމީހުންނަށް ވާޖިބުން އެއްފަރާތެއް ނުވެވުނު." މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ދުނިޔޭގެ ޝިޕިން ކޮމިއުނިޓި ގަބޫލު ކުރާ ފެންވަރަށް ރާއްޖޭގެ އެ ސިނާއަތް ބައްޓަން ކުރަން އިދާރީ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިދިއަ އަހަރު ސީމަނުންގެ ހައްގުތައް ރައްކާތެރިކުރަން ސީފިއަރާސް ރައިޓްސް އިންޓަނޭޝަނަލް އާއި އެކީ މުއާހަދާއެއްގައި ސޮއިކޮށް މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.