ކޮޕާ އެމެރިކާ 2021 ގައި ރޭ ފަތިހު ކުޅުނު މެޗުން ޕެރެގުއާއީން ވަރުގަދަ ޗިލީ ބަލި ކޮށްފި އެވެ.
ބްރެޒިލްގެ މާނޭ ގަރިންކާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޕެރެގުއާއީ ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މެޗުން ބަލިވި ނަމަވެސް މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޗިލީ ޓީމުންނެވެ. އަދި ޕެރެގުއާއީން ކުޅެފައި ވަނީ ކައުންޓާ އެޓޭކުގަ އެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ޕެރެގުއާއީއަށް ލީޑު ނަގައި ދިނީ މިގުއެލް އަލްމިރަން ނަގައިދިން ކޯނަރަކުން ބްރެއަން ސަމުޑިއޯ އެވެ. މަތިމަތިން އައި މި ކޯނަރު ސަމުޑިއޯ ބޮލުން ޖަހައި ގޯލުގެ މަތީކަނަށް ފޮނުވާލި އިރު، ޗިލީގެ ކީޕަރު ހުރީ ހުއްޓުން އަރާފަ އެވެ. ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެވެ.
އަލްމިރަން ނަގައިދިން އެހެން ކޯނަރެއް ގޯލުގެ ތެރެއަށް ފޮނުވާ ލުމަށް ކާލޮސް ގޮންޒަލެޒް އަށް ލިބުނެވެ. ނަމަވެސް ގޮންޒަލެޒް ބޮލުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ކަނާތު ފަޅިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާ ގިނައިރެއް ނުވަނީސް ޕެރެގުއާއީން ލީޑު އިތުރަށް ފުޅާ ކުރަން ފުރުސަތު ލިބުނީ ގޮންޒަލެޒް ހޯދައިދިން ޕެނަލްޓީ އަކުންނެވެ. ލިބުނު ޕެނަލްޓީން ގޯލު ޖަހައި މެޗުގެ 58 ވަނަ މިނެޓުގައި ޕެރެގުއާއީއަށް ލީޑު ފުޅާ ކޮށްދިނީ އަލްމިރަން އެވެ.
އޭގެ ފަހުން ޕެރެގުއާއިގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ޗިލީން ވަނީ ޕެނަލްޓީއަކަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މި މެޗުގައި ޗިލީއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ.
ކޮޕަ އެމެރިކާ ގްރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗު ކާމިޔާބު ކުރީ އުރުގުއޭ އިންނެވެ. ބޮލީވިއާ އާއި ބައްދަލު ކުރި މެޗު އުރުގުއޭއިން ކާމިޔާބު ކުރީ ވެސް 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލަކީ ބޮލީވިއާގެ ޑިފެންޑަރު ހައިރޯ ކިންޓެރަސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އުރުގުއޭއަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި އެޑިސަން ކަވާނީ އެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓޮރެސް ދިން ތުރޫ ބޯޅައެއް ބޯލުގެ ފަހަތު ދާގަނޑަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މީގެ އިތުރުން ވެސް ގޯލު ޖެހުމަށް އޭނާއަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ.
މި މެޗުގައި ގޯލު ޖެހުމަށް ބޮލީވިއާއަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް އެމީހުންނަށް ވަނީ އެ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފި ބޭކާރު ވެފަ އެވެ.
ގްރޫޕް އޭގެ މި ނަތީޖާ ތަކާއި އެކު ބޮލީވިއާ ވަނީ މުބާރާތުން ކަޓާފަ އެވެ. އެހެން ކަމުން ގްރޫޕްގެ ބާކީ ހަތަރު ޓީމު ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.
މިހާރު ގްރޫޕްގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ ހަތް ޕޮއިންޓު ލިބިގެންނެވެ. ރޭގެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ޕެރެގުއާއީ ވަނީ ގްރޫޕްގެ ދެވަނަ އަށް ޖެހިލާފަ އެވެ. ފަސް ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ޗިލީ އެވެ. އަދި ހަތަރު ޕޮއިންޓާއެކު ހަތަރު ވަނައިގައި އުރުގުއޭ އޮތް އިރު، ބޮލީވިއާ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގަ އެވެ.