ފިނިޕޭޖް

ސްމީތާ މަރުވުމުން ރާޖް ބައްބަރް ރޭކާއާ ރައްޓެހިވި

އެކްޓަރު އަދި މިހާރު އިންޑިޔާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ރާޖް ބައްބަރް ފިލްމީ ކެރިއަރު ފެށީ 1977 ގައި ރިލީޒްކުރި "ކިއްސާ ކުރުސީ ކާ" އިންނެވެ. އޭގެ ފަހުން "އިންސާފު ކާ ތަރާޒޫ" ގައި އޭނާ ކުޅުނު ނުބައިބައިން ރާޖް ވަނީ އޭނާއަކީ ކުޅަދާނަ އެކްޓަރެއް ކަން ސާބިތު ކޮށްދީފަ އެވެ. ސަލްމާ އާގާ އާއެކު "ނިކާހް" ގައި ރާޖް ދެއްކި ޕާފޯމަންސާއި ސްމީތާ ޕާޓިލް އާއެކު "އާޖް ކީ އާވާޒް" ގައި ދެއްކި އެކްޓިންގެ ސަބަބުން ރާޖް އަކީ ބޮލީވުޑުގައި ވިދާ އަލިގަދަ ތަރިއަކަށްވި އެވެ.

ރާޖްގެ ފުރަތަމަ އަންބަކީ ނާދިރާ ޒަހީރެވެ. ނާދިރާ އާއި އޭނާ ކައިވެނިކުރީ 1975 ގައެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައި ވެއެވެ. ޖޫހީ އާއި އާރްޔާ ބައްބަރެވެ.

ފިލްމު ކުޅެން ފެށިއިރު ކައިވެނި ކޮށްގެން އުޅުނަސް "ބީގީ ޕަލްކޭން" ގެ ސެޓުން ސްމީތާ އާ ބައްދަލުވެ އޭނާއަށް ރާޖްގެ ހިތް ދެވުނެވެ. އަދި މުޖުތަމައުގެ ގިނަ ބައެއްގެ ކަޅިއެޅުންތަކާއި ނުރުހުމާއެކު ވެސް އޭނާ ސްމީތާ އާ ކައިވެނި ކުރި އެވެ. ސްމީތާ 1986 ގައި މަރުވީ އަލަތު ދަރިފުޅު ވިހެއުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ. ސްމީތާ އާއި ރާޖްގެ ދަރިފުޅަކީ މިހާރު ފިލްމުތަކުން ފެންނަ އެކްޓަރު ޕްރަތިކް ބައްބަރެވެ.

ރާޖް ބަރްބަރާއި ސްމީތާގެ ލޯބީގެ ވާހަކަ އަޑުއަހާފައިވާ ކޮންމެ މީހަކުވެސް ހީކުރާނީ ސްމީތާގެ ކުއްލި ވަކިވުމުގެ ހިތާމައިގައި ރާޖް މުޅި އުމުރު ހޭދަ ކުރާނެ ކަމަށެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. ސްމީތާ މަރުވިތާ ދުވަސްކޮޅެއް ވެސް ނުވެ ރާޖް އާއި ފިލްމީ ބަތަލާ ރޭކާ ލޯބީގެ ގުޅުމެއް ވަނީ ހިންގާފަ އެވެ. ރާޖް ބަރްބަރްގެ އިންޓަވިއު އެއްގައި އޭނާ ވަނީ މިކަމަށް އެއްބަސްވެފަ އެވެ. އެ ދުވަސްވަރު ރޭކާ ދެކެ ވެސް ރާޖް ވީ އަމަށަކު ލޯތްބެއް ނޫނެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ދެމީހުންގެ ގުޅުން ވަނީ ކެނޑިފަ އެވެ.

ވަރަށް ކުރިން ރާޖް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ރޭކާ އާއި ލޯބީގެ ގޮތުން ގުޅުމުން ސްމީތާގެ މަތިން ހަނދާން ނައްތާލަން އެހީތެރިކަން ލިބުނެވެ. އެ ދުވަސްވަރު ރޭކާ ވެސް ހުރީ ވަރަށް ހިތްދަތި ލޯބީގެ ގުޅުމަކަށް ނިމުމެއް އައުމުން ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމުން ދެ މީހުންގެ ގުޅުން ވެގެން ދިޔައީ އެކަކު އަނެކަކަށް ލިބުނު ވަރަށް ބޮޑު އެހީތެރި ކަމަކަށް ކަމަށް ރާޖް ބުންޏެވެ.

ރާޖް ބުނި ގޮތުގައި ރޭކާ އާ އޮތީ އެހާ ފުން ލޯބީގެ ގުޅުމެއް ނޫނެވެ. ނަމަވެސް އެ ދެމީހުންގެ މެދުގައި އޮތީ ގާތް ދެ އެކުވެރިންނަށް ވުރެ ގާތް ގުޅުމެއް ކަމަށް ރާޖް ބުންޏެވެ.

"އަހަރެން ސްމީތާ ދެކެ ލޯބިވީ ވަރަކަށް ރޭކާ ދެކެ ލޯތްބެއް ނުވަން. އެހާ ފުން ގުޅުމެއް އަހަރެމެންގެ ދެމެދުގައި ނުއުފެދޭ. ނަމަވެސް އެ ދުވަސްވަރު އަހަރެމެން ދެ މީހުންނަކީ ދެ ރައްޓެހިންނެކޭ ވެސް ނުބުނެވޭނެ. ރޭކާ އާ ބޭއްވި ގުޅުމުން އަހަރެންނަށް އާ ހަޔާތެއް ލިބުނީ،" ރާޖް ބުންޏެވެ.

ސްމީތާ އާ ކައިވެނި ކުރުމުގެ ސަބަބުން ރާޖް އާއި ފުރަތަމަ އަނބިމީހާ ނާދިރާގެ ގުޅުން ހީނަރުވެފައި އޮތަސް ސްމީތާ މަރުވެ، ރޭކާ އާއި އޮތް ގުޅުން ވެސް ކެނޑުމުން ރާޖް ވަނީ އެނބުރި ފުރަތަމަ އަނބިމީހާގެ ކައިރިއަށް ގޮސްފަ އެވެ. އަދި މިއަދާ ޖެހެން ދެން ވެސް ރާޖް ދިރިއުޅެމުން ދަނީ ނާދިރާ އާއެކުގަ އެވެ.