ދުނިޔެ

ބުއްދިވެރީ ޖަޕާނުވެސް ގުޅުމެއް އުފެއްދުން: ރަޝިއާ

ރަޝިއާ ސިފައިން ކޫރިލް ރަށްތަކުގައި ކުރަނީ އެވެނި މިވެނި ކަމެކޭ ކިޔައިގެން ބަޔާންތައް ނެރުމަށް ވުރެ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުން ބުއްދިވެރި ކަމަށް ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަހަރޯފާ ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ ކޫރިލް ރަށްތަކަކީ ރަޝިއާގެ ބިންތަކެއް ކަމަށާއި ޝައްކު އުފައްދަން މަސައްކަތް ކުރަން ޖާގަ ވެސް ނެތް ކަމަށެވެ.

ޖަޕާންގެ ކެބިނެޓް ސެކްރެޓަރީ ކަޓްސުނޮބު ކާޓޯ ވިދާޅުވީ ރަޝިއާއިން ކޫރިލް ރަށްތަކުގައި އަސްކަރީ ތަމްރީން ކުރުމަކީ ބިރުވެރިކަމެއް ކަމަށާއި ޖަޕާނާ އެހާ ކައިރީގައި ބަޔަކު އަސްކަރީ މަރުކަޒު ބިނާކޮށް ދާއިމަށް ގާއިމުވެ ތިބުމާ ދެކޮޅު ކަމަށެވެ.

ކޫރުލް ރަށްތައް އޮންނަނީ ޖަޕާނާ ވަރަށް ކައިރީގައި، އުތުރު ޕެސިފިކް ކަނޑަށް ވާގޮތަށެވެ. ރަޝިއާއިން ބުނަނީ އެއީ ރަޝިއާގެ ރަށްތަކެއް ކަމަށެވެ. ޖަޕާނުން ބުނަނީ މަސްލަހަތު އޮތް ކަމަށެވެ.

މާރިއާ ޒަހަރޯފާ ވިދާޅުވީ ވަގުތާއި ފިކުރު ބޭކާރު ކުރުން ޖަޕާނަށް ވެސް ވާނީ ބޮޑު ގެއްލުކަމަށް ކަމަށާއި ދެ ގައުމު އެކުގައި ކުރެވެން ހުރި ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާއާއެކު ތަރައްގީއަށް ކުރެވެން ހުރި މަސައްކަތްތަކުގައި ޖަޕާނުން ބައިވެރި ވުމުން ޚިލާފުތައް ފޮހެވި ހިނގައި ދާނެ ކަމަށެވެ.

ޖަޕާނާ ރަޝިއާއާ ބެހޭ ގޮތުން ތާރީހީ ސަފުހާތަކުގައި ވެސް ދެބަސްވުން ހިމެނިފައި ހުރެ އެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދެގައުމުން ވަކި ގޮތެއް ކިޔަން ހަނދާނީ ލިޔުންތަކާއި މުއާހަދާތަކުގައި ސޮއި ކޮށްފައި ވެއެވެ. ދެގައުމުގެ މަސްލަހަތު ގިނަ ފަހަރު ގެއްލިފައި އޮންނަނީ ބިންބިމުގެ މިލްކުވެރިކަމާ ތޮޅެން ހަދައިގެންނެވެ.