މައިކްރޮސޮފްޓުން އެ ކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ރަސްމީކޮށް ނެރޭނެ ތާރީހު އިއުލާން ކޮށްފި އެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހު ރަސްމީކޮށް އާ އޯއެސް ބޭނުން ކުރަން ލިބޭނެ އެވެ.
އާ އޯއެސް އެންމެ ފުރަތަމަ ދައްކާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ވިންޑޯސް 10 އަކަށް ފަހު އިތުރު އޯއެސް އެއް ނުނެރޭނެ ކަމަށް ކުރިން މައިކްރޯސޮފްޓުން ބުނެފައިވެ އެވެ. އެކަމަކު މައިކްރޯސޮފްޓްގެ މަސައްކަތްތަކަށް ފާރަވެރިވާ ފަރާތްތަކުން ދިޔައީ އެ ކުންފުނިން އާ އޯއެސް އެއް ނެރެން ތައްޔާރުވަމުންދާ ކަމަށް ބުނެ މި އަހަރު ފެށުނީއްސުރެއް އެކި ކަހަލަ ހަބަރުތައް ގެނެސްދެމުންނެވެ.
އާންމު ކުރަމުން ދިޔަ ހަބަރުތަކާ ގުޅިގެން މައިކްރޯސޮފްޓުން އެންމެ ފަހުން މިވަނީ އާ އޮޕަރޭޓިން ސިސްޓަމެއް ނެރޭ ކަން ޔަގީންކޮށްދީ ކަސްޓަމަރުންނަށް އޮކްޓޫބަރު މަހު ބޭނުން ކުރަން ލިބޭނެ ކަމަށްވެސް ބުނެފަ އެވެ. އަދި އެ ކުންފުނިން މިހާރު ވަނީ އާ އޯއެސް 11 ދައްކާލައި އާ ފީޗާތައް ވެސް ތައާރަފް ކޮށްދީފަ އެވެ.
މައިކްރޮސޮފްޓުން ދައްކާލި އާ އޮޕަރޭޓިން ސިސްޓަމް ކުރީގެ އޮޕަރޭޓިން ސިސްޓަމްތަކާ ފެންނަ ފެނުމަށް އެހާ ތަފާތެއް ނޫނެވެ. އެކަމަކު އާ ފީޗާ ތަކެއް ތައާރަފް ކޮށްފައިވާތީ ބޭނުން ކުރުމުގައި ކުރިއަށް ވުރެ ފަސޭހަ ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
ވިންޑޯސް 11 އިގެ ވިޒުއަލް ބަދަލުތަކުގެ އިތުރުން ސްޓާޓް މެނޫއަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިހާރު ސްޓާޓް މެނޫ އިން ބޭނުން ކޮށްފައިވާ އެޕްލިކޭޝަންތައް ނޯޓް ކުރެ އެވެ. އަދި މިހާރު މައިކްރޮސޮފްޓް ވިޖެޓްސްތައް ވަނީ ވަކި ކޮށްފަ އެވެ. ވިޖެޓްސް މިހާރު ފެނިގެންދަނީ އެކަމަށް ހާއްސަ ކޮށްފައިވާ މެނޫ އަކުންނެވެ.
މައިކްރޯސޮފްޓް ޓީމްސް މިފަހަރު ވިންޑޯސްް 11 ގައި ހިމަނާފައެއް ނުވެ އެވެ. މައިކްރޮސޮފްޓުން ބޭނުން ވަނީ މައިކްރޯސޮފްޓް ޓީމު ގިނަ ބަޔަކު ވީޑިއޯ ކޯލް ކުރާ އަދި މެސެޖް ކުރަން ހާއްސަ އެޕްލިކޭޝަނަކަށް ހަދާށެވެ.
ވިންޑޯސްް 11 ގައި ގޭމިންގްއަށް ވެސް ވަނީ ކުރިއަށް ވުރެ ބޮޑު ސަމާލު ކަމެއް ދީފަ އެވެ. އެގޮތުން އެކްސްބޮކްސްގައި ހިމަނާފައިވާ ގިނަ ފީޗާތަކެއް ވިންޑޯސް 11 ގައި ހިމަނާފައިވެ އެވެ.
ވިންޑޯސް 11 އިގެ ޕްރިވިއު އިވެންޓްގައި މައިކްރޮސޮފްޓުން ދައްކާލި އެންމެ ތަފާތު އެއް ބަދަލަކީ ވިންޑޯސް 11 ގައި އެންޑްރޮއިޑް އެޕްލިކޭޝަންތައް އިތުރު ބްލޫސްޓެކްސް ފަދަ ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުން ނުކޮށް ސީދާ ވިންޑޯސްް 11 އިގެ ސްޓޯއިން އަޅައިގެން ބޭނުން ކުރެވުމެވެ. މި ބަދަލަކީ މައިކްރޮސޮފްޓާއި އެމެޒޯންއިން ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ. އެމެޒޯން އެކައުންޓެއް މެދުވެރިކޮށް އެމެޒޯން އެޕްސްޓޯގައިވާ އެންޑްރޮއިޑް އެޕްލިކޭޝަންތައް ވިންޑޯސް 11 އިގެ އެޕްސްޓޯއިން ޑައުންލޯޑުކޮށް ބޭނުން ކުރެވޭނެ އެވެ.
ވިންޑޯސް 11 މިއަހަރުގެ އޮކްޓޯބަރުގައި ނެރެން ތައްޔާރުވަމުންދާއިރު އާ އޯއެސް ހިލޭ ބޭނުން ކުރެވޭނެ އެވެ. ވިންޑޯސް 11 ސަޕޯޓު ކުރާ ހުރިހާ ޑިވައިސް ތަކަކަށް ވެސް ވިންޑޯސް އަޕްޑޭޓް މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް މައިކްރޯސޮފްޓުން ވަނީ ބުނެފަ އެވެ.