އިސްލާމިކް ސްޓޭޓް

ޕެރިސް ހަމަލާއަށްފަހު ފްރާންސުން އައިއެސްއަށް ވައިގެ ހަމަލާތައްދީފި

Nov 16, 2015

ފްރާންސްގެ ހަނގުރާމަމަތީ ބޯޓުތަކުން ސީރިޔާގައި އައިއެސްއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއީ މިހާތަނަށް ފަރާންސުން އައިއެސްއަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

މި ހަމަލާތައް ދީފައި މިވަނީ އައިއެސްއިން ޕެރިހުގައި ޓެރަރިސްޓު ހަމަލާތަކެއް ދިންތާ ދެދުވަސް ފަހުންނެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓްރީން ބުނީ އެގައުމުން އައިއެސްއަށް ދިން ހަމަލާ ތަކުގައި ހަނގުރާމަމަތީ 10 ޖެޓު ބައިވެރިވި ކަމަށެވެ. އަދި މި ހަމަލާތަކުގައި އެމެރިކާއާއި، ޔޫއޭއީގެ އިތުރުން އުރުދުންއިން އެގައުމަށް އެހީތެރިވެދީފައިވާ ކަމަށެވެ. ފްރާންސްގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އައިއެސްގެ ކޮމާންޑް ސެންޓަރަކަށާއި، ހަނގުރާމަވެރިން ރެކްރޫޓުކޮށް ތަމްރީނުކުރާ ސެންޓަރަކަށް ކަމަށްވެސް އެގައުމުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އައިއެސްއިން ބުނެފައިވަނީ ފްރާންސްގެ ހަމަލާތަކުން އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އެމީހުންގެ އެއްވެސް މަގާމަކަށް ފްރާންސްގެ ހަމަލާތައް އަމާޒު ނުވާ ކަމަށެވެ.

ޕެރިސް ހަމަލާތަކުގައި މަދުވެގެން 130 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވިއެވެ. ފަރާންސުން ދަނީ އެ ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ އޮޕަރޭށަނެއް ހިންގަމުންނެވެ. އަދި އައިއެސްއަށް ވަރުގަދަ ހަމަލާތަކެއްދީ އެ ޖަމާއަތް ބަލިކުރާނެ ކަމަށް ފްރާންސުގެ ރައީސް ވަނީ ވައުދުވެފައެވެ.