ޔުއެއާފާ ޔޫރޯ 2020

ޑެނިޝް-ވޭލްސް: ސަޕޯޓު އޮތީ ޑެންމާކަށް

ޔޫރޯ 2020 އިގެ ގަދަ 16 އިގެ ފުރަތަމަ މެޗުގައި މިރޭ ޑެންމާކާއި ވޭލްސް ބައްދަލު ކުރާއިރު ގިނަ ބައެއްގެ ސަޕޯޓު އޮތީ ޑެންމާކަށެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނީ މުބާރާތުގައި ޑެންމާކުގެ ތަރި ކްރިސްޓަން އެރިކްސަން އަށް ދިމާވި ހިތާމަވެރި ހާދިސާ އާއެކު ގިނަ ބަޔަކު ހަމްދަރުދީ އާއި ސަޕޯޓު ކުރާނީ ޑެންމާކަށް ކަމަށެވެ.

މިއީ ޑެންމާކުން މި މުބާރާތުގައި އެމީހުންގެ ގައުމުން ބޭރުގައި ކުޅޭނެ ފުރަތަމަ މެޗެވެ. ނެދަލެންޑްސްގެ އެމްސްޓާޑަން ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި ޑެންމާކުގެ ސަޕޯޓަރުން މަދު ނުވާނެކަން ޔަގީނެވެ. އެއީ މިރޭގެ މެޗު ކުޅޭ ދަނޑަކީ އެރިކްސަންގެ ޒުވާން ދުވަސްވަރު އޭނާ ވިދާލި އަޔެކްސްގެ ދަނޑުގައި ކަމަށް ވާތީ އެވެ.

އެހެން ކަމުން މިއީ ވޭލްސް ޓީމަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމުގެ ގޮތުގައި ބޭލް ފާހަގަ ކުރި އެވެ. ސަޕޯޓަރުން ކިތަންމެ ގިނަ ނަމަވެސް މެޗުގެ ނަތީޖާ ނެރޭނީ ކުޅުންތެރިން ކަމުން އެޓީމު ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ބޭލް ބުންޏެވެ.

އޮއެވަރު އޮތްގޮތް

ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްވިޒްލެންޑާއި އެއްވަރުކޮށް، ދެވަނަ މެޗުން 2-0 ގެ ނަތީޖާ އަކުން ތުރުކީ ބަލި ކުރެވުމުން ވޭލްސް އޮތީ ވަރުގަދަ ރޫހެއްގަ އެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވަރުގަދަ އިޓަލީ އަތުން ބަލިވި ނަމަވެސް އެމީހުންގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަމުން ދަނީ ގަދަ 16 އިގައި ޑެންމާކު ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަށެވެ.

އަނެއްކޮޅުން ދިމާވި ހިތަމަވެރި ހާދިސާ އާއެކު ޑެންމާކު ވަނީ މުބާރާތުގެ ފުރަތަމަ ދެމެޗުގައި ނަސީބު ދެރަ ގޮތަކަށް ބަލި ވެފަ އެވެ. ނަމަވެސް ޓީމުގެ ކެޕްޓަން އެރިކްސަން އާއި ގައުމަށް ޓަކައި ނިކުމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެމީހުން ވަނީ ރަޝިޔާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

ވޭލްސް

އިދިކޮޅު ސަޕޯޓަރުން ގިނަ ވުމުން އެކަމުގެ ނުތަނަވަސްކަން އޮތަސް ޓީމު އޮތީ ގަދަ 16 އިގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރު ވެފަ އެވެ. ވަރުގަދަ ގްރޫޕެއްގައި ވާދަކޮށް ދެވަނަ ބުރަށް ދަތުރު ކުރުމީ އެ ޓީމަށް ލިބޭނެ ފައިދާ އެކެވެ. ނަމަވެސް މުބާރާތުގެ އޮއެވަރަށް ބަލައި މިރޭގެ މެޗަށްފަހު ވޭލްސް އިން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުމަކީ ހައިރާން ވާނެ ވަރުގެ ކަމެއްް ނޫނެވެ. އިދިކޮޅު ޑެންމާކުން އޮތީ ބޮޑު ތަފާތަކުން ވަރުގަދަ ރަޝިޔާ ހަމަ ބިމަށް ތިރިކޮށްފަ އެވެ.

އިތުރު ވަގުތު ކުޅެ ޕެނަލްޓީއަށް ދިއުން ގާތް މި މެޗުގައި ވޭލްސް އަށް އޮތް ފައިދާއަކީ ދެވަނަ ބުރަށް ތައްޔާރުވަން އެމީހުންނަށް ގިނަ ދުވަސް ލިބުމެވެ. އަދި ޑެންމާކާއި ހިލާފަށް ފަހުގެ ތާރީހުގައި ނޮކްއައުޓް ސްޓޭޖްގެ މެޗުތައް ކުޅުމުގެ ތަޖުރިބާ ހުރުމެވެ. އެންމެ ފަހުގެ ޔޫރޯގައި ޕޯޗުގަލް އަތުން ވޭލްސް ބަލިވީ ސެމީ ފައިނަލުގަ އެވެ. ކުދި އަނިޔާތައް ލިބިފައިވާ ކުޅުންތެރިން ރަނގަޅު ވުމާއި، ގިނަ ދުވަހު ރެސްޓު ކުރަން ލިބުމަކީ މިފަދަ ބޮޑު މެޗަކަށް ނިކުންނަ އިރު ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ. އެހެން ކަމުން އިތުރު ވަގުތު ކުޅެ ޕެނަލްޓީ ޖަހަން ޖެހިއްޖެ ނަމަ މިއީ ޑެންމާކުގެ "ފެއަރީ ޓޭލް" ނިންމާލުމަށް ވޭލްސް އަށް ލިބޭ ފައިދާއެކެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ވޭލްސްގެ ކޯޗުރޮބް ޕޭޖް ބުނީ ޓީމު އޮތީ ވަރަށް ފޯރީގައި ދެވޭނެ އެންމެ ކުރިކަށް ދާން ތައްޔާރަށް ކަމަށެވެ. އަދި މިފަހުން ޑެންމާކު ކުޅުނު މެޗުގައި ހައިރާން ކޮށްލުވާ ފަދަ މޮޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ވޭލްސްގެ އޮތީ ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭ ވަރުގެ މޮޅު ޓީމެއް ކަމަށެވެ. އެހެން ކަމުން އެކަން މިރޭގެ މެޗުން ދައްކާނެ ކަމަށެވެ.

ޑެންމާކް

ހިތާމަވެރި ގޮތްތަކެއްގެ ތެރެއިން މުބަރާތް ފެށި ނަމަވެސް މިހާރު ޑެންމާކު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ނަމަވެސް ގްރޫޕް ސްޓޭޖްގެ މެޗުތަކަށް ވުރެ މި މެޗު ވަރަގަދަ ވެފައި، އިދިކޮޅުން ނުކުންނަ ވޭލްސް އަކީ ނުރައްކާތެރި ޓީމަކަށް ވުމަކީ ޑެންމާކަށް އޮތް ވަރަށް ބޮޑު ބިރެކެވެ. އަދި ޓީމަށް ދިމާވެފައިވާ ގޯލު ޖެހުމުގެ މައްސަލަ އަކީ އެމީހުންނަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމެވެ. ސުވާލަކީ މިދިޔަ ހޯމަ ދުވަހު ރަޝިޔާ ކޮޅަށް ޖެހިފަދަ ގޯލުތަކެއް މިރޭގެ މެޗުގައި އެމީހުންނަ ދައްކައިލެވޭނެތޯ އެވެ.

މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޑެންމާކަށް ހާއްސަ މެޗެކެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ޔޫރޯގެ ގަދަ 16 އަށް ޑެންމާކު ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެފަހަރު ޑެންމާކު މުބާރާތާއި ވަކިވަން ޖެހުނީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް އަތުން ބަލިވުމުންނެވެ.

މީގެ ކުރިން ޔޫރޯގެ ތާރިހުގައި ފުރަތަމަ ދެ މެޗުން ބަލި ވުމަށް ފަހު ދެވަނަ ބުރަށް ދަތުރު ކޮށްފައެއް ނުވެ އެވެ. ޑެންމާކުން ވަނީ ތާރީހުގެ ތެރެއަށް ވަދެ އެ ޝަރަފު ހޯދާފަ އެވެ. މިއީ މިރޭގެ މެޗަށް ނުކުންނަ އިރު ޓީމަށް ލިބޭނެ އިތުރު ހިތްވަރެކެވެ.

ޑެންމާކުގެ ކޯޗު ކެސްޕާ ހިއުމަންޑް ބުނީ ޓީމު އޮތީ މިރޭގެ މެޗަށް ތައްޔާރަށް ކަމަށެވެ. އަދި ދިމާވެދާނެ ކޮންމެ ކަމަކަށް ތައްޔާރަށް އޮތް ކަމަށެވެ.

ޑެންމާކާއި ވޭލްސްގެ ކުރިމަތިލުންތައް

މިހާތަނަށް މިދެ ޓީމު 10 މެޗެއްގައި ބައްދަލު ކޮށްފައި ވާއިރު އެއްވެސް މެޗަކުން އެއްވަރު ވެފައެއް ނެތެވެ. ޑެންމާކު ހަ މެޗުން މޮޅުވެފައި ވާއިރު، ވޭލްސް މޮޅުވީ ހަތަރު މެޗުންނެވެ. މިއީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގައި 2-1 އިން ޑެންމާކު މޮޅުވި މެޗަށް ފަހު މި ދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗެވެ. މުބާރާތް ތަކުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ޑެންމާކު މޮޅުވި އިރު، 1999 އިގެ ފަހުން މުބާރާތެއްގައި ވޭލްސް އަށް ޑެންމާކު ބަލި ކުރެވިފައެއް ނެތެވެ.