ޗެކް ރިޕަބްލިކް ރޮއްވާލައި ޑެންމާކުން ޔޫރޯ 2020 އިގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ބަކޫ އޮލީމްޕިކް ސްޓޭޑިއަމްގައި ޑެންމާކާއި ޗެކް މިރޭ ކުޅުނު ކުއާޓާ ފައިނަލު މެޗު ޑެންމާކުން ކާމިޔާބު ކުރީ 2-1 އްގެ ނަތީޖާ އަކުންނެވެ. މިއާއި އެކު ޗެކަށް މުބާރާތް ނިމުނު އިރު ޑެންމާކު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ޑެންމާކުން ވަނީ ލީޑު ނަގައި ހަމަޖެހިލާފަ އެވެ. ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓުގައި މި ގޯލު ޑެންމާކަށް ކާމިޔާބު ކޮށްދިނީ ސްޓްރައިގާ ލާސަން ނަގައިދިން ލާސަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭނީ އެވެ.
އޭގެ ފަހުން ފުރަތަމަ ހާފު ނިމެނިކޮށް ޑެންމާކަށް އިތުރަށް ލީޑު ފުޅާ ކޮށްދިނީ ކެސްޕާ ޑޮލްބާގް އެވެ. މި ގޯލާކީ މައޭލީ ނަގައިދިން ހުރަހަކުން ޑޮލްބާގް ކާމިޔާބު ކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އްގެ ނަތީޖާ އަކުން ޑެންމާކު ކުރީގައި އޮވެގެންނެވެ. ޗެކުން ނަތީޖާ ހަމަ ކުރަން ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް އެމީހުންނަށް ވަނީ އޭގެ ބޭނުން ނުހިފި ބޭކާރު ވެފަ އެވެ.
ދެވަނަ ހާފަށް ޗެކުން ނިކުތީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލު ޖެހުމަށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޗެކް ރިޕަބްލިކުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މި ގޯލު ޑެންމާކަށް ކާމިޔާބު ކޮށްދިނީ ކޫފަލް ތިރިތިރިން ނަގައިދިން ހުރަހަކުން ޕެޓްރިކް ޝިކް އެވެ. މިއާއި އެކު ޝިކް ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއްވަރު ކޮށްފަ އެވެ.
މި ގޯލަށް ފަހުވެސް ޗެކުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވި އެވެ. މިރޭގެ މެޗުގައި ޗެކުގެ ދެ ކުޅުންތެރިންގެ ބޯ ފަޅައިގެން ގޮސްފައިވެ އެވެ. ނަމަވެސް އެ ދެކުޅުންތެރިން ބަދަލަ ކޮށްފައެއް ނުވެ އެވެ.