ޔުއެއާފާ ޔޫރޯ 2020

ޑެންމާކް: ފުރަތަމަ ފަހަރަށް ޔޫރޯގައި ޗެކް ބަލިކުރުމަށް

އަޒާބައިޖަންގެ ބަކު އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅޭ ޔޫރޯ 2020 އިގެ ކުއާޓާ ފައިނަލަށް ޑެންމާކުން ނިކުންނާނީ ފުރަތަމަ ފަހަރަށް ޔޫރޯގައި ޗެކް ރިޕަބްލިކް ބަލި ކުރުމަށެވެ.

މިހަތަނަށް ޔޫރޯގެ ތާރީހުގައި ޑެންމާކަށް ޗެކް ބަލި ކުރެވިފައެއް ނުވެ އެވެ. މުބާރާތުގެ ފުރަތަމަ ކޮޅުގައި ދިމާވި ހިތްދަތި ހާދިސާއަށްފަހު ޑެންމާކަށް ވަނީ ބަދުނަސީބު ގޮތްތަކެއް ދިމާވެފަ އެވެ. ނަމަވެސް އާ ހިތްވަރަކާއި އެކު ގައުމާއި އެރިކްސަންއަށް ޓަކައި އެމީހުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އޮއެވަރު އޮތްގޮތް

މިއީ ޑެންމާކާއި ޗެކް ރިޕަބްލިކް ޔޫރޯ 2020 އިގައި ބައްދަލު ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރީ ޗެކް ރިޕަބްލިކުންންވެ. އެއީ ޔޫރޯ 2000 އިގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން އަދި ޔޫރޯ 2004 އްގެ ކުއާޓާ ފައިނަލުގައި 3-0 އިންނެވެ.

ފުރަތަމަ ދެ މެޗުގައި ބަލިވި ނަމަވެސް ފަހު މެޗުގައި ބޮޑު ތަފާތަކުން ރަޝިޔާ ބަލި ކުރުމަށްފަހު ގަދަ 16 އިގައި ޑެންމާކުން ވަނީ 4-0 އިން ވަރުގަދަ ވޭލްސް ބަލިކޮސްފަ އެވެ. މިއީ މިހާރު ޑެންމާކު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަން ދައްކުވައިދެ ކަމެކެވެ.

ޗެކް ރިޕަބްލިކް

މިރެގެ މެޗަށް ނިކުންނައި އިރު ގަދަ 16 އިގައި ރަނގަޅު ނަތީޖާއެއް ގހޯދައި ދެޓީމު އޮތީ ވަރުގަދަ ރޫހެއްގަ އެވެ. މިރޭގެ މެޗަށް ނިކުންނައިރު ޗެކަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކި އެމީހުންގެ އެންމެ ވަރުގަދަ 11 މިރެގެ މެޗަށް ނެރެވުމެވެ. އެގޮތުން ކަޑެރަބެކް، ސެވްޗިކް އަދި ބަރަކް ވެސް މިރޭ ޓީމާއި ގުޅޭނެ އެވެ.

މީގެ އިތުރުން އެޓީމުގެ ޕެޓްރިކް ޗިކް ވަނި މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުހިންމު ގޯލުތަކެއް ޖަހައިދީފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް ނިކުންނައިރު ޗެކްގެ އެޓޭކް ލައިން ވަރުގަދަ ވާނެ އެެވެ. ހަމަ އެހެންމެ ވަރުގަދަ ނެދަލެންޑްސް އާއި ކުޅުނު މެޗުގައި ޗެކް ގޯލަށް ނުރައްކާ ކުރިއަ ނުދީ އެމީހުން ހިފަހައްޓާފައި ވުމުން އެމީހުންގެ ޑިފެންސް ލައިނާއި މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ޗެކް ގެ ކޯޗު ޖަރޯސްލަވް ސިލްހަވީ ބުނީ ޑެންމާކަކީ ވަރުގަދަ ޓީމެއް ކަމަށާއި، ޗެކްގެ ކުޅުމާއި ޑެންމާކުގެ ކުޅުމުގެ ވައްޓަފާޅި ވަރަށް އެއްގޮތް ކަމަށެވެ. އެހެން ކަމުން މެޗުގައި ހެދޭ އެންމެ މިސްޓޭކަކުން ހީނުކުރާފަދަ ދެރަ ނަތިޖާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ސިލްހަވީ ބުނީ އިދިކޮޅުގެ މިސްޓޭކު ތަކުގެ ފައިދާ ޗެކުން ނަގަން މަސައްކަތް ކުރާނެ ކަމަށާއި ބެލެވޭ ގޮތުގައި މިއީ ވަރަށް ވަރުގަދަ މެޗަކަށް ވާނެ ކަމަށެވެ.

ޑެންމާކު

ފަހު ދެމެޗުގައި ކުޅުނު މޮޅު ކުޅުމާއި ސަޕޯޓަރުންގެ ހިތްވަރުން ޑެންމާކު މިހާރު އުދުހިގަންނަން ތައްޔާރަށް އޮތް ނަމަވެސް މިރޭގެ މެޗަކީ އެމީހުންނަށް ވެސް ފަސޭހަ މެޗަކަށްއ ނުވާނެ އެވެ. އެހެން ކަމުން ޗެކްގެ ޓީމަކީ ދަށް ޓީމެއް ކަމަށް ނުދެކި މިރޭގެ މެޗުގައި އެވަރު ވިސްނައިގެން ޑެންމާކުން ރަނގަޅު ކުޅުމެއް ދައްކާނެކަން ގައިމެވެ.

ޑެންމާކުގެ ކޯޗު ބުނީ ޓީމު ކުޅޭ ވައްޓަފާޅީގެ އިތުރުން ވަކިވަކި ކުޅުންތެރިންގެ ހުނަރު މިރެގެ މެޗުގައި ދެއްކުން ވަރަށް މުހިންމު ކަމަށެވެ. ކެސްޕާ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ފްރޭމް ވޯކެއް ރާވައި އޭގެ ދަށުން މިރެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އުންމިދަކީ މިރޭގެ މެޗުން މޮޅުވެ ގައުމާއި ސަޕޯޓަރުން އުފާ ކޮށްދިނުން ކަމަށެވެ.

ޑެންމާކާއި ޗެކް ރިޕަބްލިކްގެ ކުރިމަތިލުންތައް

މީގެ ކުރިން މިދެޓީމު ވަނީ ބައިނަލްއަގްވާމީ ގޮތުން 11 މެޗެއްގައި ބައްފަލު ކޮށްފަ އެވެ. އޭގެ ތެރެއިން ދެ މެޗުން ޑެންމާކު މޮޅުވި އިރު ހަމެޗުން ވަނި އެއްވަރު ވެފަ އެވެ. އަދި ޗެކް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ޔޫރޯގައި މީގެ ކުރިން ބައްދަލު ކުރި ދެމެޗުވެސް ކާމިޔާބު ކުރީ ޗެކުންނެވެ. ޔޫރޯ 2004 ގައި އެންމެ ފަހުން ކުއާޓާ ފައިނަލުގައި ކުޅުނު މެޗުން ޗެކް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ. އެހެން ކަމުން މިރޭގެ ކުއާޓާ ފައިނަލުގައި ތާރީހު ދެމެހެއްޓުމަށް ޗެކުން ނިކުންނަ އިރު ޑެންމާކުން ނިކުންނާނީ ތާރީހު ބަދަލު ކޮށްލުމަށެވެ.