ޔޫރޯ 2020 އަކީ ހަމަ ޔަގީނުން ވެސް ޑެންމާކަށް ބަދުނަސީބު އަދި ބޭއިންސާފު މުބާރާތެކެވެ.
މުބާރާތުގައި ޑެންމާކަށް ބަދުނަސީބޭ ބުނުމުން އެކަމާއި ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެ އެވެ. ނަމަވެސް ބޭއިންސާފޭ ބުނުމުން މިކަމާއި ދެކޮޅަށް ތެދުވާނެ ބަޔަކު ތިބޭނެ އެވެ.
މި މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކާއި ހަމައަށް ދާއިރު އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ ތާރީހު ފަވާލެވިފައިވާ ޑެންމާކާއި ފިންލެންޑު ބައްދަލު ކުރި މެޗަށެވެ. އެމެޗުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ އެވެ.
ފިންލެންޑާއި ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޑެންމާކުގެ އެންމެ މޮޅު ކުޅުންތެރިއާ ކްރިސްޓެން އެރިކްސަންއަށް ވަނީ ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. މިއާއެކު ޑެނިޝް ޓީމާއި ސަޕޯޓަރުންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ގެނުވި ސިހުމާއެކު އެމީހުން ވަނީ ނަފްސާނީ ގޮތުން ބަލިކަށި ކޮށްލާފަ އެވެ.
ހިތާމަވެރި ހާދިސާ އެކެވެ. ގަސްތުގައި ކުރި ކަމެއް ނޫނެވެ. ބޭއިންސާފުގެ މަގުން ހިނގި ކަމެއްވެސް ނޫނެވެ. މިއީ މިމުބާރާތުގައި ޑެންމާކަށް ދިމާވި ބަދުނަސީބެވެ.
މި ހުރިހާ ކަމަކާއި އެކުވެސް ޔުއެފާއިން ނިންމީ އެވަގުތު މެޗު މެދުކަނޑާލުމަށް ފަހު އަލުން އެރޭ މެޗުގެ ނުނިމި އޮތްބައި ފުރިހަމަ ކުރުމަށެވެ. އަދި ޔުއެފާއިން ގަބޫލު ކުރާ ގޮތުގައި އެމީހުން ކަންތައް ކުރީ އެންމެ ރަނގަޅަށެވެ. ފުޓްބޯޅަ މެޗެއްގައި ހިނގައިދިޔަ މިފަދަ ބޮޑު ހިތާމަވެރި ހާދިސާއަކާއެކު ކުޅުންތެރިންނާއި މުޅި ޓީމަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައި އޮއްވާ އެރޭ އަލުން މެޗު ކުޅުވުމަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އިންސާފުގެ މަގުން އެއްކިބާވި އަމަލެކެވެ. މިއީ ބަދުނަސީބުވުންތޯ އެވެ. ނުވަތަ ބޭއިންސާފުގެ މަގުން ދިޔަ ކަމެއްތޯ މީހުން ސުވާލު ކުރެއެވެ. އެ މެޗުގެ ފަހުބައިގެ ކުޅުމުހައި ޑެންމާކަށް ލިބުނު ޕެނަލްޓީވެސް ނާކާމިޔާބުވީ އެވެ.
ކޮންމެ ގޮތެއްވިއަސް އެކަން ނިމިއްޖެ އެވެ. ޑެންމާކުން ހިތްވަރު އެލުވާ ނުލަ އެވެ. ފުރަތަމަ ދެމެޗުން ބަލިވި ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި ޑެންމާކުން ވަނީ ޖާދޫ ދައްކާލާފަ އެވެ. އެމީހުންގެ "ފެއަރީ ޓޭލް" ފެށުނީ އެ ހިސާބުންނެވެ. ގައުމާއި އެރިކްސަނަށް ޓަކައި އެވެ. މުޅި ދުނިޔެ އެމީހުންނަށް ކުރި ސަޕޯޓުންނެވެ.
ނަމަވެސް އެމީހުންގެ ފެއަރީ ޓޭލް ނިމުމަކަށް އައީ ރޭ އިންގްލެންޑާއި ބައްދަލު ކުރި ސެމީ ފައިނަލުން ބަލިވުމުންނެވެ. މުޅި ޑެންމާކު ރޮއްވާލައި އިންގްލެންޑުން ޔޫރޯގެ ފައިނަލަށް އަލަށް ދަތުރު ކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއްގެ ރީބައުންސުން ގޯލުތެރެއަށް ބޯޅަ ޖަހައިގެނެވެ.
މެޗުގެ ނަތީޖާ އަނބުރާލި ޕެނަލްޓީ ލިބުނީ ސްޓާލިންއަށް ޑެންމާކުން ކުރި ފައުލަކަށެވެ. އެ ފައުލަކީ ޕެނަލްޓީ ދޭން ޖެހޭ ވަރުގެ ހާލަތެއް ނޫންކަމަށް ބުނާ ބަޔަކު އުޅެ އެވެ. އެވާހަކަ އެއްފަރާތެއްގައި ބާއްވާށެވެ. އެ ފައުލު ކުރި ވަގުތުގައި ދަނޑު މަތީގައި މެޗު ކުޅެމުންދިޔަ ބޯޅައިގެ އިތުރުން އެހެން ބޯޅައެއް އޮތެވެ. އަދު ޕެނަލްޓީ ޖެހި ވަގުތު ޑެންމާކުގެ ކީޕަރު ޝޫމައިކަލްގެ ލޮލަށް ވަނީ ލޭޒާ ލައިޓުން އަލި އަޅުވާފަ އެވެ. ނަމަވެސް މިކަންތައް ބަލާނެ މީހަކު ނެތެވެ.
މިހުރިހާ ކަމަކީ ޑެންމާކުގެ ބަދުނަސީބުންވީ ކަމެއް ހެއްޔެވެ؟ ނޫނީ ހަމަ ހަގީގަތުގައިވެސް މިއީ ބޭއިންސާފުން ހިނގި ކަމެއް ހެއްޔެވެ؟