ތިމާވެށި

ބާ ބަޔޯސްފިޔާ ޔުނެސްކޯގެ އެގްޒިބިޝަނަކަށް

ޔުނެސްކޯއިން ކުރިއަށް ގެންދާ އެގްޒިބިޝަނަކަށް ބ. އަތޮޅުގެ ބަޔޯސްފިޔާ ރިޒާވް ނޮމިނޭޓް ވެއްޖެ އެވެ.

މޭން އެންޑް ދަ ބަޔޯސްފިޔާ ޕްރޮގްރާމް (އެމްއޭބީ) ގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ޔުނެސްކޯއިން ބާއްވާ އެގްޒިބިޝަންގައި ބ. އަތޮޅުގެ ބައޯސްފިއާ ދުނިޔޭގެ އެންމެ ރީތި 12 ބަޔޯސްފިޔާގެ ތެރޭގައި ހިމަނައި ވަނީ ނޮމިނޭޓްކޮށްފަ އެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ އައުޓް ރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ އެގްޒިބިޝަނަށް ނޮމިނޭޓްވިކަން މީގެ ދެ ހަފުތާކުރިން ޔުނެސްކޯއިން އެންގި ކަމަށެވެ އަދި އެ އެގްޒިބިޝަނަށް ބޭނުންވާ މެޓީރިއަލް ފޮނުވައިދޭން ވެސް އެދިފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ މިއީ ބޮޑު ކާމިޔާބީއެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ވެގެން ދާނެ ކަމަށެވެ.

ވާޗުއަލްކޮށް އަހަރު ދުވަހަށް ކުރިއަށް ގެންދާ އެ އެގްޒިބިޝަން އެންމެ ފުރަތަމަ އޮންނާނީ އަންނަ އޯގަސްޓުމަހު ޗައިނާގަ އެވެ. އަދި އެއަށް ފަހު ސެޕްޓެމްބަރުގައި ސްޕެއިންގަ އެވެ.

ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކޮށް ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓައި ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޯސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ބ. އަތޮޅެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ ސިޓީ ވެސް ވަނީ ކަނޑައަޅައިފަ އެވެ.