ބަޔޮސްފިއާ ރިޒާވް

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އަލުން ޔުނެސްކޯއަށް

ޔުނެސްކޯ އިން ބ. އަތޮޅު، ބަޔޮސްފިއާ ރިޒާވް ގޮތުގައި ކަނޑައަޅާފައި އޮތް މުއްދަތު ހަމަވުމުން އަލުން އެކަމަށް އެދި ހުށަހަޅަން ތައްޔާރު ވެއްޖެ އެވެ.

ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ޔުނެސްކޯ އިން ބ. އަތޮޅު ކަނޑައެޅީ 2011 ވަނަ އަހަރު އެވެ. ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ތަންތަން ކަނޑައަޅަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ފަހަނައަޅާ ދިއުމުން އަލުން އެތަނެއް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމަނަން ބޭނުންވާނަމަ އެކަމަށް އެދި އަލުން ޔުނެސްކޯއަށް ހުށަހަޅަން ޖެހެ އެވެ.

މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ ބ. އަތޮޅު، އަލުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމަނަން ޔުނެސްކޯ އަށް ހުށަހެޅުމުގެ ގޮތުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"ބ. އަތޮޅު ބަޔޮސްފިއާ އަލުން ބަޔޮސްފިއާ ރިޒާވް އަކަށް ހެދުމަށް ކުރަންޖެހޭ ސާވޭތައް މިއަހަރު ފެށުނީންސުރެ ކުރިއަށް އެބަ ގެންދަން. މި މަސައްކަތްތައް މިއަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ކަމާ ގުޅޭ ލިޔުންތައް ޔުނެސްކޯއަށް ހުށަހެޅޭނެ ކަމަށް ބެލެވޭ،" ޝާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބ އަތޮޅު، ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސިއިރު ކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތަކާއި މެނޭޖްމަންޓް ޕްލޭނެއް ނެތުމުން ޔުނެސްކޯގެ ލިސްޓްގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުމުގައި އޭރު ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެގޮތުން އާ ގަވައިދުތަކަކާއި އުސޫލުތަކެއް ތަންފީޒު ކުރަން ޖެހުމުން ގަވައިދުތަކަށް މީހުން އަމަލުކުރާ މިންވަރު ބެލުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"މިއަދު އަޅުގަނޑު ދަންނަވާނީ ބ. އަތޮޅުގެ ރައްޔިތުން މިކަމުގައި ވެފައިވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް. ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުގައި މިތަންތަން އައީ ކުރިން ބޭނުން ކުރަމުން. އެހެންވެ މިތަންތަން ރިޒާވް އެއްގެ ގޮތުގައި ކަނޑައެޅުމުން ރައްޔިތުންނަށް އޭރު ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި. އެކަމަކު ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މިތަންތަން ރައްކާތެރިކުރުމަށް ފަހުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު" ޝާފީ ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިމާޔަތްކޮށްފައިވާ ރިޒާވް ތަކަކީ ކޮންމެ ގަޑިއަކު ވަދެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫނެވެ. ނަމަވެސް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ 10 ސަރަހައްދަކީ އާންމުކޮށް ހުޅުވާލެވިފައިވާ އަދި ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް ވަދެވޭ ގޮތަށް ހުންނަ ތަންތަނެވެ. މިސަރަހައްދުތައް ބެލެހެއްޓުމުގައި މިވަގުތު އަމަލީ ގޮތުން މަސައްކަތް ކުރަނީ ހަތަރު މުވައްޒަފުންނެވެ.