"ހިސާން ބިލް" ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ބިލާ ދެކޮޅަށް އިސްލާމް ދީނުގެ ދިފާއުގައި ތެދުވަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ އެ ބިލާ މެދު ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން މިއަދު އެވެ.
ޖަމީލް ވިދާޅުވީ މުރުތައްދު ވުމަކީ މުސްލިމުންގެ ތެރޭގައި އަދަބު ލިބޭ ކުށެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހެން ވިދާޅުވި ސަބަބެއް ޖަމީލް ހިއްސާކުރައްވާފައެއް ނުވެ އެވެ. އެކަމަކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި "ހިސާން ބިލް" ގައި އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރެކޭ ގޮވުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ރާއްޖޭގައި ވަޒަންވެރިވެ ތިބެ އިސްލާމް ދީނާއި ދެކޮޅަށް ހިންގާ އަމަލުތައް ވެސް ހިސާން ބިލުން ހިމާޔަތް ކޮށްދޭ ކަމަށެވެ. އެހެންވެ އިސްލާމްދީނުގެ ދިފާއުގައި ބިލާ ދެކޮޅަށް ތެދުވުމަށް ޖަމީލް ވަނީ ގޮވާލައްވާފަ އެވެ.
ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ މައިގަނޑު މަސްދަރު ކަމަށެވެ. އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގައިވާ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ހިސާން ހުސައިން ބިލް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. ސަރުކާރުން ސްޕޮންސާ ކޮށްފައިވާ މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
ހިސާން ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި މާލެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ޖުމްލަ 100 ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ. އަދި ރާއްޖޭގެ 101 އިލްމުވެރިޔަކު ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް ވެސް މި ބިލާ ދެކޮޅަށް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ހިސާން ބިލާ ދެކޮޅު ކަން ހާމަކޮށްފަ އެވެ.
ހިސާން ބިލް ދިރާސާކުރުމަށް މިހާރު އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ. ކޮމިޓީން ވަނީ ބިލާ މެދު ޕީޖީ އޮފީހާއި، އެޗްއާރްސީއެމްގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތުގެ ލަފާ ހޯދާފަ އެވެ.