މިރޭ އޮސްޓްރިއާ އާއި އިޓަލީ ބައްދަލު ކުރާ މެޗުގައި ޓީމަށް ސަޕޯޓު ކުރަން ނުދާން އޮސްޓްރިއާގެ ފުޓްބޯލް ފެޑެރޭޝަނުން އެދެފި އެވެ.
މިރޭގެ މެޗު ކުޅެން ހަމަޖެހިފައި ވަނީ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އޮސްޓްރިއާގެ ފުޓްބޯލް ފެޑެރޭޝަނުން މިގޮތަށް އެދުނީ އިންގްލެންޑުގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަ ކުރަން ޖެހޭތީ ލަންޑަނަށް ނުދިއުމަށް އޮސްޓްރިއާގެ ފޮރެއިން މިނިސްޓްރީން ވެސް ވަނީ އެދިފަ އެވެ.
އިންގްލެންޑުގައި ހަލުއި ކަމާއެކު ކޮވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ފެތުރެމުން ދާތީ މިރޭގެ މެޗު ލަސް ކުރަން ނުވަތަ އެހެން ތަނަކަށް ބަދަލު ކުރުމަށް އޮސްޓްރިއާއިން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މުބާރާތުގެ ތާވަލަށް އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައެއް ނުވެ އެވެ.
އޮއެވަރު އޮތްގޮތް
ޔޫރޯ 2020 ގައި އެންމެ ތަފާތު ކުޅުމެއް ދެއްކި އެއް ޓީމަކީ އިޓަލީ އެވެ. ކުޅުނު ތިން މެޗުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް އިޓަލީ ދަތުރު ކުރީ ނުވަ ޕޮއިންޓާއެކުގަ އެވެ. މިއާއެކު ބައި ކޮޅަށް ގޯލެއް ނުވަދެ އެމީހުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗުގައި އެމީހުން ނުކުންނާނީ މި ރިކޯޑު ދަމަހައްޓައި، ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކުރުމަށެވެ.
އޮސްޓްރިއާ އިން ދެވަނަ ބުރަށް ދަތުރު ކުރީ ފުރަތަމަ މެޗުން ނޯތު މެސެޑޮނިއާ ބަލިކޮށް ދެވަނަ މެޗުން ބަލިވި ނަމަވެސް ފަހު މެޗުގައި ޔޫކްރެއިން ބަލި ކޮށްގެންނެވެ. ގިނަ އަހަރު ތަކަކަށް ފަހު ބޮޑު މުބާރާތެއްގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވާ އޮސްޓްރިއާ އިން ނުކުންނާނީ މިރޭގެ މެޗުން މޮޅުވެ ގިނަ ކުރިއެރުންތަކެއް ހޯދުމަށެވެ.
އިޓަލީ
މުބާރާތުގެ ގަދަ 16 އަށް އިޓަލީން ދަތުރު ކުރިއިރު އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 30 -- 25 މޮޅު، 5 އެއްވަރު -- މެޗުން ބަލި ނުވެ ހިފަހައްޓާފަ އެެވެ. މިއީ ތާރީހުގައި މެޗަކުން ބަލިނުވެ ޓީމެއް ހަދާފައިވާ އެންމެ ދިގު ރިކޯޑެވެ. އެހެން ކަމުން ވަރުގަދަ ޓީމަކާއެކު މިރޭގެ މެޗަށް އިޓަލީ ނުކުންނަ އިރު މިއީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެ ޓީމާއި މެދު މިހާރު އުފެދޭ ހަމަ އެކަނި ސުވާލަކީ އޮވާ ކޮންފިޑެންޓް ވުމުގެ ސަބަބުން މިރޭގެ މެޗު ފަސޭހަ ކޮށްލާނެތޯ އެވެ.
އިޓަލީގެ ކޯޗު ރޮބާޓޯ މަންސިނީ އަކީ ތަޖުރިބާކާރު މޮޅު ކޯޗަކަށް ވެފައި 2018 ވަނަ އަހަރު ޓީމާއި ހަވާލު ވެގެން ގެނެސްފައިވާ ކުރިއެރުމަށް ބަލައި މި މެޗަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރު ކުރާނެކަން ގައިމެވެ. މަންސިނީ ބުނީ އޮސްޓްރިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުންގެ ވަރުގަދަ ފިޒިކަލް ގޭމް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަނިޔާގެ ސަބަބުން ޓީމާއި ދުރަށް ދާން ޖެހުނު ޓީމުގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ މިހާރު ވަނީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށާފަ އެވެ. ނަމަވެސް މިރޭގެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އަދި އެޓީމުގެ ޑިފެންޑަރު އަލެސަންޑްރޯ ފްލޮރެންޒީ ވެސް މި މެޗަށް ފިޓު ވާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ޓީމަށް ލިބޭނެ ނުތަނަވަސް ކަމެއް ނަމަވެސް މަންސިނީ ބުނީ ކުޅުންތެރިން ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް ޓީމުގެ ކުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އޮސްޓްރިއާ
އެންމެނަށް އެނގޭނެ ފަދައިން މި މެޗުގައި ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑީ އިޓަލީގެ ޓީމަށެވެ. އަދި ކުޅުމުގެ ފެންވަރަށް ބަލާ ނަމަވެސް ކުރީގައި އޮތީ އިޓަލީ އެވެ. ނަމަވެސް ފްރެންކޯ ފޮޑާގެ މޮޅު ރޭވުންތެރި ކަމަކާއެކު މިރޭގެ މެޗު އޮސްޓްރިއާއަށް ކާމިޔާބު ކުރެވިދާނެ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫކްރެއިނާއި ދެކޮޅަށް އޮސްޓްރިއާއިން ދެއްކި ކުޅުމުން އެމީހުންނަށް މިރޭގެ މެޗުން މޮޅު ވެވިދާނެ ކަން ހާމަވެ އެވެ. އަދި ހިތްވަރާއެކު އެމެޗުގައި ކުޅުނު ހެން ކުރިއަށް ގިނަ ބޯޅަތަކެއް ފޮނުވައިގެން ކުޅެފި ނަމަ މިރޭގެ މެޗުގެ ނަތީޖާ ފޮނި ވުމަކީ ވެދާނެ ކަމެކެވެ.
މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުން އޮސްޓްރިއާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އަދި 1954 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ފަހު ބޮޑު މުބާރާތެއްގެ ގަދަ 16 އަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެހެން ކަމުން ޓީމުގެ އުންމީދު ތަކާއި ހިތްވަރު ހުންނާނީ ވަރަށް އުހުގައި ކަން ގައިމެވެ.
އޮސްޓްރިއާގެ ކޯޗު ފްރެންކޯ ބުނީ ޓީމު އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، ކުއާޓާ ފައިނަލަށް ދާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އިޓަލީ ވަރުގަދަ ޓީމެއް ކަމަށާއި، ގިނަ ބަދަލު ތަކަކާއެކު ކުޅުނު އެންމެ ފަހު މެޗުގައި ވެސް އެމީހުން ތަފާތު ދައްކާފައިވާ ކަމަށެވެ. ނަމަވެސް ޓީމު އޮތީ އިތުބާރާއެކު ކުރިއަށް ދާން ތައްޔާރަށް ކަމަށް ފްރެންކޯ ބުންޏެވެ.
އިޓަލީ އާއި އޮސްޓްރިއާގެ ކުރިމަތިލުންތައް
މިރޭގެ މެޗަކީ 2008 ވަނަ އަހަރު މިދެޓީމު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗު 2-2 އިން އެއްވަރުވި ފަހުން ކުޅޭ ފުރަތަމަ މެޗެވެ. މުބާރާތް ތަކުގައި އެންމެ ފަހުން މި ދެޓީމު ބައްދަލު ކުރި 13 މެޗުން އިޓަލީ ބަލިވެފައެއް ނުވެ އެވެ. އެންމެ ފަހުން އިޓަލީ ބަލިވީ 1960 ވަނަ އަހަރު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައި 2-1 އިންނެވެ. މިހާތަނަށް 35 މެޗެއްގައި މި ދެޓީމު ކުރިމަތިލާފައި ވާއިރު އިޓަލީ ވަނީ 16 މެޗުން މޮޅުވެފަ އެވެ. އަދި އަށް މެޗުން ދެޓީމު ވަނީ އެއްވަރު ވެފަ އެވެ. އޮސްޓްރިއާ މޮޅުވީ 11 މެޗުންނެވެ.