އަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަންކަޕުގެ ކޮލިފައިންގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ބައިވެރި ވާން ނިންމައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިން އެއްގައި އަންހެން ޓީމު ބައިވެރިވަން ނިންމާފައި މިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އަންހެން ޓީމު ބައިވެރި ވެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންހެން ޓީމު ވާދަ ކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ކޮލިފިކޭޝަންގައި ޓީމުން ބައިވެރިވެފައެއް ނުވެ އެވެ. އަނެއްކާ ވެސް 2010 ވަނަ އަހަރު ބައިވެރި ވުމަށްފަހު 2014 އަދި 2016 ގައި ބައިވެރި ނުވެ އެވެ.
ފީފާ ރޭންކިންގައި މިހާރު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު އޮތީ 144 ވަނައިގަ އެވެ. ކޮލިފައިންގައި ބައްދަލު ކުރަންޖެހޭ ޓީމުތައް ރޭންކިންގެ ގޮތުން މަތިވުމަކީ ޓީމު މި މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވަން ޖެހޭނެ ކަމެކެވެ. މުބަރާތުގެ ކޮލިފައިންގައި ރާއްޖެ ވާދަ ކުރަން ޖެހޭނީ ވިއެޓްނާމް، ތަޖިކިސްތާން އަދި އަފްޣާނިސްތާނާ އެވެ. ފީފާ ރޭންކިންގައި ވިއެޓްނާމް އޮތީ 33 ވަނައިގަ އެވެ. އަދި 135 ވަނައިގައި ތަޖިކިސްތާން އޮތް އިރު، އަފްޣާނިސްތާން އޮތީ 152 ވަނައިގަ އެވެ.
އަންނަ އަހަރު އިންޑިއާގައި ކުރިއަށް ގެންދާ އޭއެފްސީ އޭޝިއަންކަޕަށް އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ ވަނީ ކޮލިފައި ވެފަ އެވެ. އެހެން ކަމުން ބާކީ އަށް ޖާގަ ކަށަވަރު ވާނީ ކޮލިފައިންގައި ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމަކަށެވެ. މި މުބާރާތުގައި ކުޅޭނީ 12 ޓީމެކެވެ. ކޮލިފައިން މެޗުތައް އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގަ އެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން މީގެ ކުރިން މާ ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައެއް ނުވެ އެވެ. ނަމަވެސް މިހާރު ޓީމުން އަންނަނީ ކުޅުން ރަނގަޅު ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ކުޅުނު ސައުތު އޭޝިއަން ގޭމްސް ގައި ޓީމު ވަނީ ލޯ މެޑަލް ހޯދާފަ އެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް ލިބުނު އެންމެ ފުރަތަމަ މެޑަލް އެވެ.
އެހެން ކަމުން މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޓީމު ވާދަ ކުރުމުގެ ކުރިން ބައިނަލްއަގުވާމީ މެޗުތަކެއް ކުޅުން މުހިންމެވެ. އެ މެޗުތަކުގައި ލިބޭ ތަޖުރިބާގެ ބޭނުން ހިފައި ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ އެވެ. ކޮވިޑްގެ މިހާލަތުގައި ފަރިތަކުރަން އުނދަގޫވި ނަމަވެސް ވަރަށް އަވަހަށް ފަރިތަކުރުން ފެށޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.