ޔުއެއާފާ ޔޫރޯ 2020

ކުއާޓާގެ ފުރަތަމަ ޖާގަ ޑެންމާކަށް ވޭލްސް ރަށަށް

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ޑެންމާކުން ކަށަވަރު ކޮށްފި އެވެ.

ނެދަލެންޑްސްގެ އެމްސްޓާޑަން އެރީނާގައި ވޭލްސް އާއި ޑެންމާކު ބައްދަލު ކުރި ގަދަ 16 އިގެ ފުރަތަމަ މެޗު ޑެންމާކުން ކާމިޔާބު ކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުން ޑެންމާކު މޮޅުވި އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ޑެންމާކުންނެވެ. އޭގެ ނަތީޖާއަކަށް ވީ ވޭލްސްގެ ޑިފެންސް ލައިނަށާއި، ގޯލަށް ބާރު ބޮޑު ވުމެވެ. އަދި އެޓޭކް ކުރުމުގެ ބަދަލުގައި ޑިފެންސް ކުރަން ވޭލްސް އިން ސަމާލުކަން ދޭން ޖެހުމެވެ. ފުރަތަމަ ހާފު ނިމުނު އިރު ވޭލްސް އިން ޑެންމާކުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ވޭލްސްގެ ގޯލު ފޫއަޅުވާލައި ޑެންމާކަށް ލީޑު ހޯދައި ދިނީ އެ ޓީމުގެ ފޯވާޑު ކެސްޕާ ޑޮލްބާގް އެވެ. އޭރިއާގެ ބޭރުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނަ ނުދީ ދިފާއު ކުރުމަށް ވޭލްސްގެ ކީޕަރު މަސައްކަތް ކުރިއެވެ. ނަމަވެސް ބާރު އުންޑައެއްހެން ފޮނުވާލި ބޯޅަ ދިޔައީ އޭނާގެ އަތުގައި ޖެހޭ ވަރަށްވުރެ މާ ބާރަށެވެ.

ލީޑު ނެގުމަށް ފަހުވެސް މޮޅަށް ކުޅުނީ ޑެންމާކުންނެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުޖެހުނު ނަމަވެސް ޑެންމާކުން ވަނީ ވޭލްސްގެ އޭރިއާ ކައިރީގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ޑޮލްބާގް ވަނީ ދެވަނަ ގޯލެއް ޖަހައި ޑެންމާކަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މި ގޯލަކީ ބާސެލޯނާގެ ފޯވާޑު ބްރެތުވެއިޓު ދިން ޕާހެއް ވޭލްސް ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އޭގެ ބޭނުން ހިފާ ޑޮލްބާގު ޖެހި ގޯލެކެވެ.

މި ލަނޑަށް ފަހު ޑެންމާކުން ސަމާލުކަން ދިނީ ފަހަތަށް ޖެހިގެން ޑިފެންސް ކުރުމަށެވެ. އަދި ލިބޭ ފުރުސަތު ތަކުގައި އިދިކޮޅުގެ ގޯލަށް ނުރައްކާ ކުރުމަށެވެ. ދެވަނަ ލަނޑަށްފަހު ނަތީޖާ ހަމަ ކުރުމަށް ވޭލްސް އަށް ފުރުސަތު ލިބުނެވެ. ނަމަވެސް މަތިމަތިން ނެގި ދެ ހުރަސް ވެސް އެޓީމުގެ ފޯވަޑުންނަށް ގޯލަކަށް ނުހެދުނެވެ.

އޭގެ ފަހުން ވެސް ގިނަ ވަގުތު ބޯޅަ ހިފެހެއްޓައިގެން މޮޅަށް ކުޅުނީ ޑެނިޝް ޓީމުންނެވެ. އަދި އެޓީމުން ވަނީ ވޭލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. މެޗުގައި އިތުރަށް ލީޑު ފުޅާ ކުރުމަށް ބްރެއިތުވެއިޓަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އޭނާއަށް ނުހިފުނެވެ.

މެޗުގެ ތިންވަނަ ލަނޑު ޑެންމާކަށް ކާމިޔާބު ކޮށްދިނީ 88 ވަނަ މިނެޓުގައި ޔޮއާކިމް މައޭލާ އެވެ. ވޭލްސްގެ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ކައިރި ކަނަށް ފޮނުވާލީ ވަރަށް ހަމަ ޖެހިލާފަ އެވެ. އިތުރު ވަގުތުގައި ޑެންމާކުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެއިތުވެއިޓް އެވެ. މިއީ އޮފްސައިޑު ލަނޑެއްތޯ ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ނޫން ކަމަށެވެ.

މި ނަތީޖަ އާއެކު ޑެންމާކު ވަނީ ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. އަދި ވޭލްސް އަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.