ޔުއެއާފާ ޔޫރޯ 2020

އިޓަލީ ސަލާމަތްވީ ކިރިޔާ

މިރޭ އިޓަލީ އާއި އޮސްޓްރިއާ ވާދަކުރި ފޯރިގަދަ މެޗުން އިޓަލީ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނި މި މެޗު އިޓަލީން އިން ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގައި ފެނުނު ލަނޑުތަކާއި އެކު 2-1 ގެ ނަތީޖާ އަކުންނެވެ. މިއާއެކު އޮސްޓްރިއާއަށް ޔޫރޯ 2020 ނިމުނު އިރު، އިޓަލީ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފަ އެވެ.

މެޗުގެ ފުރަަތަމަ ހާފުގައި އޮސްޓްރިއާ އިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ބައިކޮޅަށް ގޯލެއް ވަނަ ނުދިނުމަށެވެ. އެހެން ކަމުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދުމަށް އިޓަލީއަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް މިފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅު ގޮތުގައި ނުހިފުނެވެ.

މެޗު ފެށުމުގެ ކުރިން އިޓަލީގެ ކޯޗު މަންސިނީ ބުނީ ކުޅުންތެރިން ބަދަލުވި ނަމަވެސް ޓީމުގެ ކުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ގިނަ ބަދަލު ތަކަކާއި އެކު ކުޅެން ނިކުތް އިޓަލީގެ ކުޅުމުން އެކަން ވަރަށް ބޮޑަށް ދައްކާފައިވެ އެވެ.

މީގެ ކުރީ މެޗުތަކުގައި ދެފަޅިން ގިނަ ހަމަލާތަކެއް އުފައްދައިގެން ކުޅެމުން އައި އިޓަލީއަށް މިރޭ އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އަދި މެނުއެލް ލުކަޓެލީގެ ބަދަލުގައި މާކޯ ވެރާޓީ ކުޅެން އެރުވުމުން އޭގެ ނޭދެވޭ އަސަރު ޓީމަށް ކުރި އެވެ. ފެންވަރުގެ ގޮތުން ބަލާ ނަމަ ވެރާޓީ އަކީ ލޮކަޓޭލީއަށް ވުރެ މޮޅު ކުޅުންތެރިއެކެވެ. ނަމަވެސް މުބާރާތުގެ ވަކި ހިސާބަކުން ޓީމާއި ގުޅުނު ވެރާޓީ އިޓަލީގެ މިހާރުގެ ކުޅުމަށް އެހާ ފަރިތަ ނުވީ އެވެ. އެހެން ކަމުން ދެވަނަ ހާފުގައި ލޮކަޓޭލީ ވަނީ ކުޅުމަށް ނެރެފަ އެވެ.

ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި އިޓަލީއަށް ގޯލެއް ނުޖެހުމުން ދެވަނަ ހާފަށް ނިކުންނަން ޖެހުނީ ނުތަނަވަސް ކަމެއްގަ އެވެ. ނަތީޖާ އަކަށްވީ އޮސްޓްރިއާއިން ކުރިއަށްޖެހި އިޓަލީގެ ގޯލަށް ނުރައްކާ ކުރަން ފެށުމެވެ. ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް މެޗުގެ 65 ވަނަ މިނެޓުގައި އޮސްޓްރިއާއިން ވަނީ ގޯލެއް ޖަހާދަ އެވެ. ނަމަވެސް އާނޯޓޮވިޗްގެ މި ލަނޑަކީ އޮފްސައިޑު ލަނޑެއް ކަމަށް ރެފްރީ ނިންމީ ވީއޭއާރު ބަލާފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިތުރު ވަގުތުގެ ދެހާފު ކުޅެން އިޓަލީން ނިކުތީ މުޅި ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެންނެވެ. ނަތީޖާ އެއްގެ ގޮތުން އޮސްޓްރިއާގެ ގޯލަށް ބާރުބޮޑުވެ 95 ވަނަ މިނެޓުގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. ޑިފެންޑަރު ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ކީޕަރާއި ފަސް ވަރަކަށް ފޫޓު ދުރުގައި ހުރެފައި ކިއޭސާ ފޮނުވާލި ބާރު ހަމަލާ އޮސްޓްރިއާގެ ކީޕަރަށް ދިފާއު ނުކުރެވުނެވެ. އިރުކޮޅެއް ފަހުން އިޓަލީއަށް ލީޑު ފުޅާ ކޮށްދިނީ މެޓިއޯ ޕެސީނާ އެވެ.

އޭގެ ފަހުން ލިބުނު ކޯނަރަކުން އޮސްޓްރިއާ ވަނީ ގޯލު ޖަހައި ފަރަގު ކުޑަ ކޮސްފަ އެވެ. މި ގޯލަކީ ލިބުނު ކޯނަރަކުން ސާސާ ކަލަޒިޖް ޖަހައިދިން ގޯލެކެވެ. ނަމަވެސް އެމީހުން ވަނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި ނަތީޖާ ހަމަ ކުރުމަށް ނުކުޅެދިފަ އެވެ.

މިއާއި އެކު އިޓަލީން ވަނީ ބަލިނުވެ ޖެހިޖެހިގެން 31 މެޗު ކުޅެ ރިކޯޑު ހަދާފަ އެވެ. އަދި ބައިކޮޅަށް ގޯލެއް ވަނަ ނުދީ 12 މެޗުން މޮޅުވެފަ އެވެ.